ކޯވިޑް ފެތުރޭތީ އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް 2 މަހެއްހާ ދުވަސް ފަހުން ލުއިތަކެއް ދީފިއެވެ.

ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އައްޑޫ ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނީ މިދިޔަ މޭމަހުގެ 1 ވަނަ ދުވަހުއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އީއޯސީން ބުނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމީ އެ ސިޓީން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދިއުމުންކަމަށެވެ. މިވަގުތު އައްޑޫ ސިޓީގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 132 މީހުން ތިބިއިރު، އޭގެ ތެރެއިން 128 މީހުން ތިބީ ހިތަދޫގައެވެ. އަދި އަނެއް 4 މީހުން ތިބީ މަރަދޫގައެވެ. މީގެއިތުރުން އިތުރު ރަށެއްގައި އެކްޓިވް ކޭސްއެއް ނެތްކަމަށް އީއޯސީން ބުނެއެވެ. އެހެންކަމުން ހިތަދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި އިއުލާންކުރި ކާފިއު ވަނީ އުވާލާފައެވެ.

ހިތަދޫގައި އޮތް ލޮކްޑައުން އުވާލިނަމަވެސް، އެރަށުގައި ކާފިއު އޮންނާނެއެވެ. އެގޮތުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ހިތަދޫގައި ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

އީއޯސީން ވިދާޅުވީ ހިތަދޫގައި ހަވީރު 4:00 ޖަހަންދެން ފިހާރަ ހުޅުވައިގެން ޚިދުމަތް ދެވޭނެއެވެ. އަދި އޭގެ ފަހުން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށާއި ނަމަވެސް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން އަދިވެސް ދެވޭނީ ޑެލިވަރީ ޚިދުމަތްކަމަށެވެ.

މީގެއިތުރުން ހުއްދަ ދީފައިވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން މަސައްކަތް، ހެނދުނު 7:00 އިން ހަވީރު 6:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށާއި ހިތަދޫ ފިޔަވައި ގުޅިފައިވާ އެހެން ރައްތަކުގައި ކާފިއު އުވާލި ނަމަވެސް ޑެލިވަރީ ޚިދުމަތް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. އެގޮތުން މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދެވޭނީ ހެނދުނު 6:00 އިން ރޭގަނޑު 6:00 އަށެވެ. އަދި އޭގެ ފަހުން 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ޚިދުމަތް ދެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން