ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ ފްލެޓްތަކަށް ކަރަންޓު ލައިދޭ ތާރީހުން ފެށިގެންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ އެކި ސަބަބު ތަކާއި ހެދި ފްލެޓުތައް ޙަވާލުކުރުން ލަސްވުމާއި ގުޅިގެން ފްލެޓުތަކުގެ ފިނިޝިންގައި ހުރި މަސައްކަތްތައް އަމިއްލައަށް ނިންމުމަށްޓަކާ ބަލަން ބޭނުންވާނެ ކަންކަން ބަލާ އަންދާޒާތައް ހެދުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އަންނަމަހުގެ 14 ވަނަ ދުވަހު ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރާއިރު އެތަނުގައި ކަރަންޓު ލިބެން ހުންނާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ނަމަވެސް އެއްވެސް ސަބަބެއް މެދުވެރިވެގެން ކަރަންޓު ފޯރުކޮށް ނުދެވޭނަމަ ފްލެޓުތަކުގެ ކުލި ނަގާ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލައިދެވޭ ހިސާބުން ކަމަށާއި އެންމެ ލަސްވެގެން އަންނަ ޖުލައިމަހުގެ ނިޔަލަށް ކަރަންޓުގެ މައްސަލަ ޙައްލުވާނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން މިއަދު ވަނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެ ތަން ދައްކާލުމުގެ މަސައްކަތް ފަށާފައެވެ.

އެޗްޑީސީން ބުނީ ފްލެޓުތައް ދައްކާލަން ނިންމީ ގިނަބަޔަކު އެކަމަށް އެދެމުން ދިއުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަށް ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފްލެޓު ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 4 ދަންފަޅިއަކަށް ބަހާލައިގެން ފްލެޓުތައް ދައްކާލުމުގެ މަސައްކަތްކުރަމުން އަންނަނީ އެޗްޑީސީގެ މުވައްޒަފުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން