ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
އަންހެންކުދިން ޚިތާނުކުރުމަށް ބާރު ލިބޭ ވަރުގަދަ ހުއްޖަތެއް ކީރިތި ގުރުއާނާއި ސުންނަތުން އެގެން ނެތްއިރު އަންހެންކުދިން ޚިތާނުކުރުމަކީ ދީނީ ކަމަކަށް ހަދައިގެން އެކަން މާކެޓްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަންހެންކުދިން ޚިތާނު ކުރުމާއި ގުޅޭގޮތުން ދީނީ އިލްމްވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ. އިސްލާމްދީނުގައި ކަމެއް އޮންނަ ކަމަށް ނިއްމޭނީ ސައްހަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

އަންހެންކުދިން ޚިތާނުކުރުމަށް ބާރު ލިބޭ ވަރުގަދަ ހުއްޖަތެއް ކީރިތި ގުރުއާނާއި ސުންނަތުން އެގެން ނެތް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ، ޚިތާނުކުރުމަކީ ހަމައެކަނި ފިރިހެނުންނަށް އޮތްކަމެއް ކަމަށް މުޅި އުންމަތް އިޖުމާޢުވާ ކަމަށެވެ. އެގޮތުން ދަންނަ ބޭކަލުންގެ އިޖުމާއު ނަގުލް ކުރައްވާ އިމާމު އިބުން މުންޒިރު އަންހެނުން ޚިތާނު ކުރުމާއި ބެހޭގޮތުން އޭގެ މައްޗަށް ބުރަވެވޭނެ އެއްވެސް ދަލީލެއް ސުންނަތެއް ނެތްކަން ބަޔާންކުރައްވާފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ހަރުދަނާ ދަލީލުތަކުގެ މައްޗަށް ނޫނީ ނުނިންމޭނެ އެއީ ދީނީ ކަމެއްގެ ގޮތުގައެއް، އެކަމަކީ ދީނީ ކަމެއްގެ ގޮތުގައި މާކެޓް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ނުދެކެން." ޑރ. ޝަހީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އަންހެންކުދިން ޚިތާނުކުރުމާއި ބެހޭގޮތުން ބައެއް މަޒުހަބުތަކުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން ބައެއް މަޒުޚަބުތަކުގައި އެއީ ސުންނަތެއް، ވާޖިބެެއް، މުބާހު ކަމެއް ކަން ބަޔާންކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެއީ އެޒަމާނުގައި ކަލްޗަރަލް ނުވަތަ ސަގާފަތުގެ ތެރޭގައި އޮތް އާދައެއް (އަންހެންކުދިން ޚިތާނުކުރުން) އެ އާދަ އޭގެ މައްޗަށް ގަދަވެފައި އެ އޮންނަނީ ދީނުގައި އެކަން ކުރުމަށް ބާރު އަޅުއްވާފަ އޮވެގެން ނޫން." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަންވެސް ކުރެއްވި ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، އަންހެންކުދިން ޚިތާނުކުރުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ. އެގޮތުން އަންހެންކުދިންގެ ޖިންސީ ޣަރީޒާ ވަކިގޮތަކަށް ބައްޓަންކުރުމަށް ޖިންސީ ގުނަވަނަށް އަނިޔާއެއް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ޝަރުއީ ގޮތުންވެސް ތަރުހީބުދޭނެ ކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީން ބާރު އަޅާކަމެއް ނޫން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

މޫސާއަފީފު

27-Jun-2021

އަހަރެން މިފަދުގެ ނުބައިކަމެއް ކުރުމައް އެއްވެސް ދިވެހި ރައިޔިތެއް ނުއުޅުމައް އާދޭސް ދަންނަވަން އަދި ނިއުސް ސޯސަލް މީޑިއާތަކުންބެސް މިކަން ދިވެހި ނިކަމެތި ރައިޔަތުންނައް ސާފުކޮއްދިނުން އެދެން



ޓްރެންޑިން