ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު.
ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު.
ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމަކީ ޖިނާއީ ކުށަކަށް ހަދަންޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުކަންވެސް ކުރެއްވި އާޒިމާ ޝަކޫރު މިހެން ވިދާޅުވީ، އަންހެންކުދިން ޚިތާނު ކުރުމާއި ގުޅޭގޮތުން މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެެވެ. އާޒިމާ ޝަކޫރު ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތަކާއިބެހޭ ގާނޫނުގައި ކުޑަކުއްޖަކަށް މައިންބަފައިން އެއްވެސް ކަހަލަ އަނިޔާއެއް ދިނުމަކީ ގާނޫނީ ކުށެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން ވެސް އަންހެން ކުދިން ޚިތާނުކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެކަމަކީ މިހާރުވެސް ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުއާމީ ކޮންވެންޝަންތަކުގައި ބޮޑު ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

"ބައިނަލްއަގުއާމީ ގޮތުން އެއީ ޖިނާއީ ކުށަކަށްވައްޏާ ދިވެހި ރާއްޖޭގައި ގާނޫނު އަސާސީ ބުނާގޮތުން އެކަން ތަންފީޒުކުރެވޭނެ. އެއީ އަޅުގަނޑުމެންނަށް ލިބޭ ބާރެއް މީހަކަށް އަނިޔާ ދީފިއްޔާ އެއީ ގާނޫނީ ޖިނާއީ އަމަލެއް ނޫންތޯ އެއީ؟ މިކަން ކްރިމިނަލައިޒް ކުރެވެންވީ ދައުލަތުގެ ފަރާތުން މީ ޖިނާއީ އަމަލެއް ކަމަށް ކަނޑައަޅަންވީ. ޕޮލިސީ ލެވެލްގައި އެކަމަށް ހަމަ ފިޔަވަޅު އަޅަންވީ، އޭރުން އެ އޮތީ އެކަން ނިމިފައި." އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމާއި ދެކޮޅަށް ގާނޫނީ ގޮތުން ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. އަންހެންކުދިން ޚިތާނުކުރުމަކީ ކުށެއްކަމަށް ގާނޫނުގައި ލިޔަންނުޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ދައުލަތުގެ ޕޮލިސީއެއް އެކުލަވާލަންވީ މިކަން ހިގާކަމަށް ވައްޏާ މީ މީގެފަހުން ޖިނާއީ ގޮތުން ދައުލަތުން ފިޔަވަޅު އަޅާނެ ކަމެކޭ. އެހެން ވިދާޅުވީމަ އެ އުސޫލުތައް ހިގާނެ." އާޒިމާ ވިދާޅުވިއެވެ.

އަންހެންކުދިން ޚިތާނުކުރުމާއިމެދު ރާއްޖޭގެ ދީނީ އިލްމްވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައެެވެ. އެކަމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށް ބައެއް އިލްމްވެރިން ވިދާޅުވަމުން ގެންދަވާއިރު ބައެއް އިލްމްވެރިން ވިދާޅުވަނީ އެއީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން