އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ކޯވިޑް-19 އަކީ ޕާލް ހާބަރާއި، 9/11 ގެ ހަމަލާއަށްވުރެ ހިތްދަތި ޗައިނާގެ ހަމަލާއެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެއިން 3.83 މިލިއަނަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، 265،210 މީހުން އެ ބަލީގައި މަރުވެފައިވާއިރު، މީގެ ބޮޑުބައެއް ނިސްބަތްވަނީ އެމެރިކާގެ އަދަދުތަކަށެވެ. އެގޮތުން އެމެރިކާއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1.26 މިލިއަނަށް އަރާފައެވެ. އަދި އެގައުމުން މަރުވި މީހުންގެ އަދަދު 74،809 އަށް ވަނީ އަރާފައެވެ.

ޓްރަމްޕް ވިދާޅުވީ މިއީ މިހާތަނަށް އެމެރިކާ ދުށް އެންމެ ހިތްދަތި "ހަމަލާ"ކަމަށެވެ. މިއީ 1941 ވަނަ އަހަރު ޖަޕާނުން ޕާލް ހާބަރަށް ދިން ހަމަލާއާއި، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު ވޯލްޑް ޓްރޭޑް ސެންޓަރަށް، އަލްޤައިދާއިން ދިން ހަމަލާއަށްވުރެ މާ ހިތްދަތި ހަމަލާއެއްކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސްމްބަރު މަހު އަލަށް ފެނުނު ކޮރޯނާވައިރަސް ފެނުމާއެކު، ޗައިނާއާއި ހިސާބުން ވައިރަހަށް ނިމުމެއް ގެނެވެން ޖެހޭނެކަމަށާއި، މިއީ ވެގެންވާނެގޮތެއް ނޫންކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އިޤްތިޞާދު ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެމެރިކާގައި ބަލިޖެހޭ މީހުންނާއި ބަލިން މަރުވާ މީހުންގެ އަދަދުތައް މައްޗަށް ދިޔުމާއިއެކު، ޓްރަމްޕް ގެންދަވަނީ ބަލި ފެތުރުމުގެ ޒިންމާ ޗައިނާއިން ނަގަންޖެހޭނެކަމަށް މެދުކެނޑުމެއްނެތި ވިދާޅުވަމުންނެވެ.

އެމެރިކާއިން ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވުމަށް ނިންމީ ޕާލް ހާބަރުގެ ހަމަލާގެ ސަބަބުންނެވެ. އަދި 3000 މީހުން މަރުވި 9/11ގެ ހަމަލާގެ ސަބަބުން އެމެރިކާއާއި ޖިހާދީންނާއި ދެމެދު އަދިވެސް ހަނގުރާމަތައް ކުރިއަށް އެބަދެއެވެ.

ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ކޯވިޑް-19އާއި ގުޅިގެން އިއުލާނުކުރި ފުރަބަންދުތައް އުވާލާ، ގައުމުތައް ހުޅުވާލުމުގެ މަސައްކަތް ކުރެވެމުން ދާއިރު، އިޤްތިޞާދަށް ކިތަންމެ ގެއްލުމެއް ވީނަމަވެސް، ވެކްސިނެއް ތައްޔާރުވާންދެންވެސް އިޖްތިމާއީ ގައިދުރުކުރުމުގެ އާދަތައް ދަމަހައްޓަން ޖެހޭނެކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީގެ ކުރީގެ ޑިރެކްޓަރ ޓޮމް ފްރީޑެން ވިދާޅުވީ މެއި މަސް ނިމެންވާއިރަށް އެމެރިކާއިން މަރުވާ މީހުންގެ އަދަދު އެއް ލައްކައަށް އަރާނެކަމަށެވެ. އަދި ވެކްސިނެއް ލިބެންދެން، އެތައް މަހެއް ވާންދެން އަދި އެތައް އަހަރެއް ވާންދެން މި ވައިރަސް އެމެރިކާގެ ތެރޭގައި އުޅޭނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


14

ާައަހުމަދު

11-May-2020

ޓުރަމްޕު ތީ ފައްކާ ސައިތޯނެއް


9

މިލަންދޫ އަހްމަދު

08-May-2020

ޓްރަމްޕް ރިޔާސީ އިންތިޚާބަށް ޖަހާ ބެރު ގަދަވާނީ އީރާނާއި ޗައިނާގެ ވާޙަަކައިން



ޓްރެންޑިން