މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އައިލެންޑް އޭވިއޭޝަނުން މެނޭޖްކުރާ އެއަރޕޯޓެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަނީ 47 ކޮޓަރީގެ 4 ތަރީގެ ހޮޓަލެއްކަމަށެވެ. އަދި އެމަސައްކަތަށް ބޭނުންވާ ކޮންސަލްޓަންސީ ހޯދުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަނީ އެ އެއަރޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ އެއަރޕޯޓަކަށްވާތީއެވެ. އެގޮތުން ޖެޓުތަކުގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކުރޫއިން އެއަރޕޯޓުގައި މަޑުކުރާނެ ތަނެއް ހަމަޖެއްސުން މުޙިއްމު ކަމަށް ދެކޭކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މީގެއިތުރުން ފްލައިޓް ޑިލޭވުމުން އެއަރޕޯޓާއި ކައިރި ހިސާބެއްގައި މަޑުކުރެވޭނެ އިންތިޒާމްވެސް މި ހޮޓަލާއެކު ހަމަޖެހިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ފެށިގެންދާނެކަމަށެވެ.

މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިއީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން