މަރާލާފައި އޮއްވާ މިދިޔަހޯމަދުވަހުގެރޭ ދަންވަރު ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާގައި އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ކުއްޖާގެ މަރާއި ގުޅިގެން ފުލުހުން ވަނީ މަރުގެ ހަޤީޤަތް ހޯދާ، ކުއްޖާއަށް ލިބިފައިވާ ޒަޙަމްތައް ދެނެގަތުމަށް ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ. އަދި މި ހަފްތާގެ ތެރޭގައި ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަނިކޮށް 13 އަހަރުގެ ކުޑަކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 02:38 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުންނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް 2 މީހަކު ހައްޔަރުކޮށްފައިވާއިރު އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި މީހުން ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، 27 އަހަރުގެ ފިރިހެން މީހާ ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ މުއްދަތު ޖަހާފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތު ވަނީ ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން