ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ފިކުރަށް އެމްޑީޕީ ރުޖޫއަ ނުވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ގޮވާލައްވައިފިއެވެެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު އެކަމަށް ގޮވާލެއްވީ ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކުއްލިއަކަށް ނިކުމެ އެއްފަހާރާ ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ. ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ އެމްޑީޕީއަކީ މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. އެހެންކަމުން ޕާޓީއަށް 16 އަހަރު ފުރުނުއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ފިކުރަށް އެމްޑީޕީ ރުޖޫއަ ނުވުމަށް ރީކޯ މޫސަ ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެެވެ.

"ޑިއަރ މުހައްމަދު ނަޝީދު، އެމްޑީޕީ އަކީ ހައްޔަރުކޮށް ޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އަޅުގަނޑުމެން އުފެއްދި ޕާޓީއަކަށްވާއިރު 16 އަހަރަށްފަހު، 30 އަހަރު ވެރިކަން ކުރެއްވި މައުމޫނު ގެންގުޅުއްވި ފިކުރަށް ތިޕާޓީ ރުޖޫއަނުވާށެވެ. ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއް ނޫނެވެ." ރީކޯ މޫސަ ވިދާޅުވިއެވެ.

އަދި އޮގަސްޓް 12، 13 އަންނަނީތޯ މޫސަ ވަނީ ސުވާލު ކުރައްވާފައެވެ. އޮގަސްޓް 12، 13 އަކީ ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް، އެމްޑީޕީން ފެށި އިސްލާހީ މަސައްކަތުގައި ޖުމުހޫރީ މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވި ދެ ދުވަހެވެ. ރައީސް މައުމޫންގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ހަރަކާތާއި ގުޅިގެން އެތައް ބަޔަކު ހައްޔަރުކޮށް ޖަލަށް ލިއެވެ. ރައީސް މައުމޫންގެ ސަރުކާރަށް ކުރިމަތިވި ފިއްތުންތަކާއި ޕްރެޝަރުގެ ސަބަބުން އިސްލާހީ އެޖެންޑާއެއް އެކުލަވާލައި އިއުލާންކުރަން މަޖުބޫރުވީ އެ ހަރަކާތުގެ ސަބަބުންނެވެ.

‏"އޮގަސްޓު 12 13 އަންނަނީތަ؟ އެދުވަހު ރާއްޖޭގަނެތްމީހަކަށް ނޭނގޭނެ އެއްފަހަރާ ގިނަބަޔަކު ހައްޔަރުކޮށްލީމަ ވީގޮތެއް އެދުވަހު އެކަންކުރިމީހާވެސް އެތައްޒަމާނެއްވަންދެން މީހުނަށް އަނިޔާކޮށްފަ ހިތަށްއެރީ ދެންޖައްސާނީ ގަނޑުކޮށޭ. 500 ޖަލަށްގެންދިޔަ. ނަތީޖާ ފެނިފަހުންނާނީ." އެމްޑީޕީން މީގެ ކުރިން ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ އޮގަސްޓް 12، 13ގެ ހާދިސާއަށް އިޝާރަތް ކުރައްވަމުން ރީކޯ މޫސަ ވިދާޅުވިއެވެ.



މީގެ އިތުރުން ރީކޯ މޫސަ ވިދާޅުވީ ‏ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީ ހިންގަން ޖެހުނީ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށެވެ.

"އެއީ ޚުދުމުޚުތާރު ވެރިކަމެއްގައި ވަކިބައެއްގެ މިލްކެއްގެގޮތުގައި އެތައްބައެއްގެ ބުރަމަސައްކަތާ ޤުރުބާނީފޭރިގަތީމަ، އަޅުވެތިކަމާ އަނިޔާއިން މިންޖުވުމަށް ފެށިދަތުރު. އަނބުރާގޮސް ހުއްޓެންމިޖެހެނީ ފުރިތާނގަ؟" ކަޅުހުކުރުގެ ހަނދާންތައް އާކުރަށްވަމުން ރީކޯ މޫސަ ވިދާޅުވިއެވެެ.

އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން، ރޭ އެމްޑީޕީގެ ސަޕޯޓަރުންނާ މިހާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޓެރަރިޒަމް ހުއްޓުވުމަށާއި، ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރު ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން ޖެހިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން، އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާން މިހާރު ނުކުންނަވާން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ



ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރިކަމުން އަރައިގަނެވެން އޮތީ އަނެއްކާވެސް އެކަން ބަދަލުކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ދޮންމުދިމު

28-Jun-2021

ރަނގަޅު ވާހަކައެއް. މައުމޫނުގެ އެހީތެރިަކން ބޭނުންވަނީ ވެރިކަން ހޯދުމަށް ކުރާ މަސައްކަތަށް. ވެރިަކަން ލިބުނީމައި އެކަން އެނިމުނީ. މިއީ ޖާހިލުންގެ ގޮތަކީ.



ޓްރެންޑިން