އަންހެން ކުދިން ހިތާނުކުރުމާ ބެހޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ދައްކަވަމުން އަންނަ ވާހަކަތަކުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެެ.

ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމާ ގުޅުވައިގެން އިޔާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން ބައެއް މީހުންގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އެ ޝަކުވާތައް ލިބުމާއި ގުޅިގެން އޭނާގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވިއެވެ.

އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކަވާ ކަމަށްބުނެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ކަން ވެސް ކުރައްވާ ޑރ. އިޔާޒްގެ މައްސަލަ އެ ޔުނިވަސިޓީއިން ވެސް މިހާރު ވަނީ ބަލަން ފަށާފައެވެ. އެމައްސަލައިގައި ޑރ. އިޔާޒަށް ފިޔަވަޅު އަޅައިދިނުމަށް މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ހުށައަޅާފައެވެ.

އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި އޮތްކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫން ކަމަށެވެ. އެމައްސަލައިގައި ދީނީ އިލްމްވެރިންގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެމައްސަލައިގައި ފަތުވާއެއް ހޯދުމަށް ފަތުވާ މަޖިލީހުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން