މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ ހަބަރު ގެނެސްދިން ގޮތާއި މެދު ޖެންޑަރ މިނިސްޓްރީން ރާއްޖޭގެ މީޑިއާއަކާއި ދެކޮޅަށް ފިޔަވަޅު އެޅީ ރަނގަޅަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ޚަބަރުތައް ރިޕޯޓްކުރި ގޮތުން ޖެންޑަރއިން ވަނީ ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅާފައެވެ.

ޖެންޑަރއިން ރާއްޖޭގޭ މީޑިއާތަކަކަށް ފިޔަވަޅު އެޅުމާއި ގުޅިގެން މީޑިއާ ކައުންސިލާއި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ޕީޖީ ޝަމީމްގެ ވިސްނުން މިކަމުގައި ތަފާތެވެ. އެގޮތުން ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު އާންމު ކުރެއްވި އޯޑިއޯއެއްގައި ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިހާރު އަމަލު ކުރަމުންދާއިރު، އެ ޤާނޫނުތަކުގައި ވާގޮތުން ކުޑަކުދިންގެ ހަބަރު ފެތުރޭނީ ވަކި އުސޫލެއްގެ ދަށުންކަމަށެވެ. އެގޮތުން ކުޑަކުދިންގެ ޚަބަރު ޝާއިޢު ކުރާއިރު، ކުއްޖާގެ މަސްލަހަތަށް އިސްކަންދީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަން ވާނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15 ވަނަ މާއްދާގައި އޮންނަކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެެއްކަމަށެވެ. އަދި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މައުލޫމާތު ހާމަކުރާއިރު އެއްވެސް މީޑިއާއަކުން އެ ކުދިންގެ ވަނަވަރު އެނގޭނެ ގޮތަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް ޝާއިއުކޮށްގެން ނުވާނެކަންވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

މިދިޔަ ހަފުތާގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ޚަބަރުތައް ރިޕޯޓްކުރި ގޮތުން ޖެންޑަރއިން ވަނީ ރާއްޖޭގެ އޮންލައިން ނޫހެއް ޖޫރިމަނާކޮށް އިތުރު 3 މީޑިއާއަކަށް ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން