ކޯވިޑްގެ ތެރޭގައި ޗައިނާގެ އެހީ ދިވެހިންނަށް ނުލިބުނީ އެމްޑީޕީ ސަރުކާރުގެ ލަދުކުޑަކަމުންކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވެފައި މިވަނީ ކޯވިޑާއި ދެކޮޅަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާއިރު ރާއްޖެއަށް ޗައިނާގެ އެފަދަ އެހީތައް ނުލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކައަށް ބާރުދީ އެކަމާމެދު ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން ވެކްސިނާއި، ސިއްހީ ހިދުމަތްތެރިންނާއި، ސިއްހީ އާލާތްތައްވެސް ޗައިނާއިން ދަނީ ސްރީލަންކާއަށް ފޯރުކޮށްދެމުންނެވެ.

ޝުޖާއު ވިދާޅުވީ ދިވެހިން ތިބީ މިއަދު ވެކްސިން ނުލިބިފައިކަމަށެވެ. ނަމަވެސް ޗައިނާއިން ލަންކާއަށް ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ ޗައިނާގެ އެހީ ދިވެހިންނަށް ނުލިބުނީ އެމްޑީޕީ ސަރުކާރުގެ ލަދުކުޑަކަމުން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑާވެ، ހަގީގަތާ ހިލާފަށް ޗައިނާއާ ބެހޭގޮތުން ހިތުހުރި ވާހަކައެއް ދެއްކުމުގެ ނަތީޖާކަމަށް ޝުޖާއު ވިދާޅުވިއެވެ.



ޗައިނާއިން އަވްށްޓެރި ސްރީ ލަންކާއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާއިރު، އަންނަމަހު ދެ މިލިއަން ވެކްސިން ޑޯޒް ލަންކާއަށް ހަދިޔާކުރުމަށް ޗައިނާއިން ވަނީ ނިންމާފައެވެ. މީގެއިތުރުން ކޯވިޑަށް ފަރުވާދޭ މީހުންނަށް ޚާއްސަކޮށްގެން އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއްވެސް ޗައިނާއިން ވަނީ ލަންކާއަށް ހަދިޔާކޮށްފައެވެ.

ކޯވިޑްގެ ކުރީކޮޅު ޗައިނާ ސަރުކާރުން ރާއްޖެއަށް ސިއްހީ އާލާތްތަކުގެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި ދެލައްކަ ޑޯޒް ވެކްސިންގެ އެހީވެސް ފޯރުކޮށްދީފައި ވެއެވެ. ނަމަވެސް ކުރިން ޗައިނާއާއެކު އޮތް ގުޅުމާއި އަޅާ ބަލާއިރި މިހާރު އެގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމައިން ޗައިނާއާއެކު އޮތް ގުޅުން ހީނަރުވެގެން ދިޔަކަމަށް ބެލެވެނީ މިސަރުކާރުން އިންޑިއާގެ ގުޅުމަށް މުޅިންހެން ބަރޯސާވުމުން ކަމަށް މަސްރަޙު ދިރާާކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ. ޝުޖާ ފާހަގަ ކުރެއްވި ފަދައިން މިސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންނާއި އަދި ހަވާލުވުމަށްފަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދެވީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ޗައިނާއިން ދީފައިވާ އެހީތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ސިފަކުރަށްވައި ޗައިނާއިން ރާއްޖެއަށް އެހީދީ ދަރުވާލާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ޗައިނާއިން ދިން އެހީގެ ބަދަލުގައި ރާއްޖޭގެ ރަށްތަކެއް އަތުލާފައިވާ ކަމަށް ވެސް ތުހުމަތު ކުރަށްވާފައި ވެއެވެ. ރައީސް ނަޝީދުގެ މިވާހަފުޅުކަތަކަށް ރާއްޖޭގައި އޭރު ހުންނެވި ޗައިނާ ސަފީރު ވަރަށް ވަރުގަދައަށް ރައްދު ދެއްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން ޗައިނާ ސަފީރާއި ރައީސް ނަޝީދާ ދެމެދު ވަރުގަދަ ބަހުގެ ހޫނު ހަމަލާތަކެއް ވެސް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖޭގައި އޭރު ހުންނެވި ޗައިނާގެ ސަފީރު ދައުރު ހަމަކުރަށްވައި ގައުމަށް ވަޑައިގެންނެވި ފަހުން ޗައިނާގެ އާ ސަފީރަކު އަދި ރާއްޖެއަކަށް ވަޑައެއް ނުގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން