ރައްޔިތުންނަށް ކަމެއްކޮށްދޭންވީމާ ސަރުކާރަށް ބުރައަކަށްވާ ކަމަށް ވިދާޅުވެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މިމޭރުމުން ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި މިވަނީ، ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށްދޭން އެދި ރައްޔިތުން އަޑު އުފުލަމުންދާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާ ފްލެޓް ތަކަށް މަހުމަހަށް ދައްކަންޖެހޭ މިންވަރު ބޮޑުވެގެން ރައްޔިތުން ކުރަމުން ގެންދާ ޝަކުވާތަކާމެދު އިތުރު ވިސްނުމަކަށް ދާން ސަރުކާރުން ގަސްތު ނުކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވީ މިހާރު ފްލެޓް ތަކަށް ދައްކަން ކަނޑައަޅާފައިވާ އަގަކީވެސް އޭގެ ސަބަބުން ސަރުކާރުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ އަގެއް ކަމަށެވެ.

މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ދަތިޙާލަތުގައި ފައިސާ ޗާޕުކޮށްގެން ގާތްތިމާގެ މީހުންނަށް ބެހިއިރު ދައުލަތަށް ބުރަވިކަން އިހްސާސްނުވިކަމަށެވެ. ނަމަވެސް ރައްޔިތުންގެ ޖީބަށް ލުޔެއް ދޭންޖެހުމުން ދައުލަތަށް ބުރަ ބޮޑުވާކަމަށް ބުނުމުން ރައީސް ޞާލިހުގެ ފެންވަރު ވަޒަންކޮށްލެވޭކަމަށެވެ.

"ނަމަވެސް ރައްޔިތުންގެ ޖީބަށް ލުއިވާންވީމަ ދައުލަތައް ބުރަ ބޮޑުވާ ވާހަކަ ދެއްކުމުން މި ރައީސްގެ ފެންވަރު ވަޒަން ކޮށްލެވޭ." މެމްބަރު ހުސައިން ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ޞާލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓަށް މަހުމަހަށް ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީވެސް ސަރުކާރުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭ އަގެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުން އެލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްތަކަށް ކަނޑައަޅާފައިވަނީ، ކަނޑައެޅޭނެ އެންމެ ދަށް އަގުކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން