ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އެންގީ މަގުމަތީ ހަރަކާތް ފަށާފައިވާނެތީ ބިރު ދައްކަން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހަންމަދު ނިމާލު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު 11:30 އަށެވެ. އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ނިމާލަކީ އެލްޖީއޭ ބޯޑްގައި އަތޮޅުތައް ތަމްސީލް ކުރެއްވުމަށް ކައުންސިލަރުން އިންތިޚާބުކުރި މެމްބަރެއް ކަމަށާއި، އޭނާއަކީ އެހާ ފަސޭހައިން ރަޖާލައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"މީ މަގުމަތީ ހަރަކާތް ފައްޓާނެތީ ސިޔާސީ ގޮތުން ރައީސް ސޯލިހު ދައްކަވާ ބިރު." ސަރުކާރު ޒިންމާދާރު ކުރުމަށާއި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ބާއްވަމުން ގެންދިޔަ އިހުތިޖާޖްތަކަށް އިޝާރަތްކުރައްވަމުން ޝިޔާމް ވިދާޅުވިއެެވެ.

ނިމާލު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު އޭނާއަކީ އިދިކޮޅު ކޯލިޝަންގެ އިހުތިޖާޖްތައް ރާވާ ހިންގުމުގައި ހަރަކާތްތެރިވާ ސްޓްރިއަރިން ކޮމެޓީގެ މެމްބަރެކެވެ.

އޭސީސީއަށް ހާޒިރުވާން އަންގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ނިމާލަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ބ. އޭދަފުށި އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި، އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނަގާފައިވާ މައްސަލައާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން