ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއްކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ތަނެއްކަމަށް ސިޓީ ކައުންސިލުން ބުނެފައި މިވަނީ، ހުޅުމާލެއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އަމިއްލަ ބިމެއްކަމަށް ބުނެފައިވަނިކޮށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ އެކައުންސިލްގެ އިހްތިސާސް ހިމެނޭ ސަރަޙައްދުގެ ޗާޓެއް އާންމުކޮށްފައެވެ. އެޗާޓުގައިވާ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލެއަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ސަރަޙައްދު ތަކެކެވެ. ސިޓީ ކައުންސިލުން ބުނީ މިއީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަމްބަރ 2020/02 (15 މާރިޗު 2020) ގައި ކަނޑައަޅާފައިވާ އިހުތިސާސްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.



ހުޅުމާލޭގެ މިލްކުވެރިކަމާއި ގުޅޭގޮތުން މިފަހުން ބަހުސެއް އުފެދުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށްޓަކީ މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ނިންމުމުންނެވެ. އެ ނިންމުވުމާއި ގުޅިގެން އެޗްޑީސީން ބުނީ ފަރުކޮޅުފުށި ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާކަމަށެވެ. މިމައްސަލައިގައި ނޫސްވެރިން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ މަޝްވަރާއެއް އަދި ކޮށްފައި ނުވާކަމަށާއި ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ މިލްކިއްޔާތެއް ކަމަށްވާތީ މާލެ ސިޓީން އެބިމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

ފަހުން އާއްމުވި މައުލޫމާތުތަކުން އެނގުނު ގޮތުގައި ހައުސިންގ މިނިސްޓްރީން ރަޖިސްޓްރީއެއް ހެދުމަށްފަހު، ފަރުކޮޅުފުށި ހިމެނޭގޮތަށް ހުޅުމާލޭގެ ފޭސް-2ގެ ބިން އަމިއްލަ ބިމެއްގެ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ވަނީ މިލްކުކޮށްދީފައެވެ. އެކަން ކޮށްފައިވަނީ މިހާރުގެ މާލޭގެ މޭޔަރު ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުއެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނަސް ހުޅުމާލޭގެ ބިމަކީ މާލެ ސިޓީގެ އިހުތިސާސުގެ ދަށުގައިވާ ބިމެއްކަމަށް ގާނޫނުގައި ކަނޑައެޅީ 2020 ވަނަ އަހަރުއެވެ.

އެހެންވީމާ ހުޅުމާލޭގެ މިލްކްވެރި ފަރާތާއިމެދު މިހާރު މިވަނީ ބޮޑު ބަހުސަކަށް ހުޅުވިފައެވެ. ހުޅުމާލެއަކީ އެޗްޑީސީގެ ބިމެއްތޯ ނުވަތަ މާލެ ސިޓީ ކައުންސިލްގެ ބިމެއްތޯ ނިންމަން ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން