މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮޮށްފިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

ފުލުހުން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު 30 ދުވަސް އިތުރުކޮށްފައިވާކަމަށެވެ. އަދި ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

ބޮމުގެ ހަމަލާގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުޤީޤްކުރިއަށްދާއިރު، ރައީސް ނަޝީދު ހުންނެވީ ފަރުވާއަށް ޖަރުމަންވިލާތުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ވިދާޅުވީ މިހަމަލާގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެމަނިކުފާނު ވަރަސް ގާތުން ބައްލަވަމުން ގެންދަވާ މި ތަހުގީގުގައި ހިމެނޭ ހަތަރު މީހެއްގެ މައްސަލަ މިހާރު އޮތީ ދައުވާ ކުރުމަށް ފޮނުވޭ ހިސާބުގައި ކަމަށްވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން