އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) އަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، ހިތްވަރު ދެއްވާ ކަމަށްބުނާ މައްސަލައާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމި ނިންމުން މުރާޖައާ ކުރުމަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ މިއަދު ގޮވާލައްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި މި މައްސަލައާއި ގުޅިގެން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެފްޖީއެމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ވަނީ ނިއްމާފައެވެ. މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނާއިބް ރައީސް އީވާ އަބުދުﷲ ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އީވާ ވިދާޅުވީ އަންހެނުން ޚިތާނުކުރުމާއި ގުޅޭ ގޮތުން އިތުރަށް ޚިޔާލު ހޯދުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޖިލީހުން މަސައްކަތް ކުރަން ޖެހޭނީ އަންހެނުން ޚިތާނުކުރުން ހުއްޓުވުމަށް މަސައްކަތް ކުރެވެމުންދާ މިންވަރު ދެނެގަނެ، އެކަން ހުއްޓުވުމަށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި، މަނާކޮށް، އެކަން އިތުރަށް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކިހާ މިންވަރަކަށް ތޯ." މަޖިލީހުގެ ނާއިބް ރައީސް ވިދާޅުވިއެެވެ.

އީވާ ވިދާޅުވީ ކޮމިޓީން ނިންމާ ނިންމުމެއް ހުއްޓުވުމުގެ ބާރު ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ނިންމުން އިތުރަށް މުރާޖަޢާ ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށާއި، މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ އިލްމްވެރިންގެ މެދުގައި ބޮޑު ބަހުސެެއް ފެށި ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. ބައެއް އިލްމްވެރިން ގެންދަވަނީ އެކަމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ ފަތުވާ ދެއްވަމުންނެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އަދި ރާއްޖޭގެ ގިނަ އިލްމްވެރިންވަނީ އެއީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެެވެ. އިސްލާމިކް މިނިސްޓްރީއިން މިހާރު ވަނީ އެކަމާ މެދު ރައުޔެއް ނެރެދިނުމަށް ފަތުވާ މަޖިލީހުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން