ސަރުކާރުން އެންމެ އިސްކަމެއްދެނީ ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމާއި ދެކޮޅަށް އެއްފަހަރާ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ނޫސްވެރިއަކު އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން ގަބޫލުކުރާ ހަމަޔަކީ ވަކި އުސޫލާއި ހަމަތަކެއް މަތިން ކަންކަން ކުރުމަށް ކަމަށެވެ. ސަރުކާރުން ވެސް މަސައްކަތް ކުރަނީ އެގޮތަށް ކަމަށާއި، އެމަނިކުފާނު އެންމެ އިސްކަމެެއް ދެއްވަނީ ގާނޫނީ އިމުގެތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ގާނޫނުގައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަނެ އެ އިސްލާހުތައް މަޖިލީހަށް ހުށައަޅައި ފާސްކޮށްގެން އެމަސައްކަތް ކުރަމުން މިގެންދަނީ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެއްފަހަރާ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް ރަައީސް ނަޝީދު ވިދާޅުވުުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެެވެ. މިމައްސަލައިގައި ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ އެމަނިކުފާނަކީ އިންސާފުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތު ކުރަށްވާ ބޭފުޅަކަށް ވާތީއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީއަކީ މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

Riza

09-Jul-2021

Choh



ޓްރެންޑިން