ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖެއްސުމަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ދެ ބިލަކީ ޖޫން މަހުގެ 21 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރި ބިލުތަކެކެވެ.

މިބިލުތަކުގައި މައިގަނޑު ގޮތެއްގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި، އެ ދެ ބޭފުޅުންގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށެވެ. އަދި، އެ ދެ ބޭފުޅުން ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއްކަމަށް ވާންޖެހޭނެ ކަމަށާއި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ދައުލަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން