ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް
ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތުހުމަތަށް މީގެކުރިން ވަނީ 4 މީހަކު ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ހާމަކޮށްފައެވެ.

ފުލުހުން ވަނީ މިއަދު މިމައްސަލައިގައި ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށްފައެވެ. ފުލުހުން ބުނީ އެމައްސަލައިގައި ފަސް ވަނަ މީހެއްގެ ގޮތުގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށާއި، އޭނާގެ ބަންދަށް 15 ދުވަސް ދިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އަނެއް 4 މީހުންނަކީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

ފުލުހުން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު 30 ދުވަސް އިތުރުކޮށްފައިވާކަމަށެވެ. އަދި ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުޤީޤްކުރިއަށްދާއިރު، ރައީސް ނަޝީދު މިވަގުތު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަންވިލާތުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ވިދާޅުވީ މިހަމަލާގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މި ތަހުގީގުގައި ހިމެނޭ ހަތަރު މީހެއްގެ މައްސަލަ މިހާރު އޮތީ ދައުވާ ކުރުމަށް ފޮނުވޭ ހިސާބުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ މެއިމަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި ދިން މިހަމަލާއަށް ދެ މަސް ވާން ކައިރިވެފައިވާއިރު، އެ މައްސަލައާ ގުޅޭ އަށް މީހަކު މިހާރު ހައްޔަރުކޮށްފައި އެބަ ތިބި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން