މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް މިއަދު ނިންމާލައިފިއެވެ.

މިއަދު ޖުޑިޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ބިލުގެ މަސައްކަތް ނިންމައި ވޯޓަށް އެހުމުން ދެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންވެސް ވަނީ ކޮމެޓީން ނިންމިގޮތަށް ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވަން ތާއިދުކޮށްފައެވެ. ބިލު ތަޅުމަށް ފޮނުވުމާ ދެކޮޅަށް ވޯޓުދެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ މީގެކުރިން އުނިކުރުމަށް ވަނީ ނިއްމާފައެވެ. މީގެ އިތުރުން ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން ހިސާން ހުށަހެޅުއްވި މާއްދާ ވެސް އިސްލާހުކޮށްފައިވާއިރު ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެއީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުން ކަމަށް ކޮމެޓީގެ ނިއްމުމުގައި ބުނެފައިވެއެވެ. އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެކަމަށް މިއަދު ކޮމެޓީން ވަނީ ފާސްކޮށްފައެެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ އިދިކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން މިއަދު ވަނީ ނިއްމާފައެވެ.

"އާންމު ތަންތަނަކީ އާންމުކޮށް ހުޅުވާލެވިގެން އެންމެނަށް ވެސް ނުވަތަ ފީއެއް ދައްކައިގެން ނުވަތަ ދައުވަތުދީގެން ވަދެނިކުމެވޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ކޮމެޓީގެ ނިއްމުމުގައިވެއެވެ. ހަމަ އެހެންމެ ބްރޯޑްކާސްޓިން ވަސީލަތެއް ބޭނުންކޮށްގެން ޕްލެޓްފޯމެއްގައި ހިޔާލުބަދަލުކުރެވޭ ތަންތަނާއި ޓެކްނޮލޮޖީއާ އިންޓަނެޓް މެދުވެރިވެގެން ވެސް ހިޔާލު ބަދަލުކުރެވެން ހުންނަ ޕްލެޓްފޯމްތަކަކީވެސް އާންމު ތަންތަންކަމަށް މިއަދު ކޮމެޓީން ފާސްކޮށްފައިވެއެވެ.

ހަމަ އެހެންމެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަން މިއަދު ކޮމެޓީން ވަނީ ފާސް ކޮށްފައެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމެޓީން ނިންމާލައިފައިވާއިރު، ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅައި އެބިލް ފާސްކުރުމާއިމެދު ގޮތެެއް ނިއްމާނީ މަޖިލީހުގެ ތަޅުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން