އިންޑިއާއާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ސިޓީއެއް ފޮނުވިކަމަށް ބައެއް މީޑިއާތަކުން ބުނާ ވާހަކާ ފޮރިން މިނިސްޓްރީން މިރޭ ދޮގުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަން ދޮގުކޮށްފައިވަނީ އިންޑިއާއާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅައިދިނުމަށް އެދި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން، ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނެ މީސްމީޑިޔާގައި ދައުރުވަމުންދާ ލިޔުމާއި ބެހޭގޮތުން "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ އެލިޔުމުގައި އިންޑިއާ ހައިކޮމިޝަނުން ވަނީ، އެކޮމިޝަނާއި އިންޑިއާގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާ އަދި ރާއްޖޭގެ ނޫސްވެރިން މީޑިއާތަކުން ފަތުރަމުންދާ ވާހަކަ ތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިކަންކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނަސްފައެވެ. މިހާރު އިންޑިއާއާއި ދެކޮޅަށް ދެވެމުންދާ ބަހުގެ ހަމަލާތަކަކީ އެކޮމިޝަނުގެ އަގުވައްޓާލުމަށް ކުރެވެމުންދާ ކަމެއްކަމުގައި ހައިކޮމިޝަނުގެ ސިޓީ ކަމަށް ބުނާ ލިއުމުގައި ބަޔާންކޮށްފައިވެއެވެ.

މިއާއެކު އދ ގެ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭގޮތުން ހެދިފައިވާ ގަވާއިދަށް ރިއާޔަތްކޮށް، ބޭރުގެ ޑިޕްލޮމެޓުންނަށް ލިބެންވާ ރައްކާތެރިކަމާއި އިހުތިރާމާއި މިނިވަންކަން ފާހަގަކޮށް، ޑިޕްލޮމެޓުންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމުގައިވެސް އެސިޓީގައި ފާހަގަކޮށްފައިވެއެވެ.

އަދި އިންޑިއާއި ދެކޮޅަށް ދެވޭ ބަހުގެ ހަމަލާތަކަކީ އެގައުމާއި ދިވެހި ރާއްޖެއާއި ދެމެދު ރުޅިވެރިކަން އުފެއްދުމަށް ކުރާ ކަމެއްކަމަށާއި، މިކަން ޕްރޮމޯޓްކޮށް ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ފަތުރަމުންދާ ހަބަރުތަކުގެ މަގްސަދަކީ ދިވެހިންނާއި އިންޑިއާ އަދި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފުންނާ ދޭތެރޭ ހަމަނުޖެހުން އުފެއްދުމަށް ރާވާ ހިންގައިގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށްވެސް ހައިކޮމިޝަނުގެ ސިޓީ ކަމަށް ބުނާ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ރައްކާތެރިކަން އިތުރުކޮށް، އެކޮމިޝަނުގެ އަގު ވެއްޓޭގޮތަށް ނުވަތަ، މަސައްކަތަށް ހުރަސް އެޅޭފަދަ ކަންކަން ހުއްޓުވައިދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފަރާތުން އެދިފައިވެއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތައް މެދުވެރިކޮށް އިންޑިއާއި ދެކޮޅަށް ދެވޭ ބަހުގެ ހަމަލާތައް ހުއްޓުވައި ދިނުމަށްވެސް އިންޑިއާ ހައިކޮމިޝަނުން ފޮނުވި ކަމަށް ބުނާ ސިޓީގައި އެދިފައިވެއެވެ.

ނަމަވެސް އިންޑިއާއާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެފަދަ ސިޓީއެއް ލިބިފައިވާކަމެއް އެނގިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިފަދަ އެއްވެސް ލިއުމެއް ބޭރުގެ އެހެން މިޝަނަކުންވެސް ފޮނުވިކަން އެނގިވަޑައި ގެންފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި މީޑިއާ އޮފިޝަލް މިއުވާން ވިދާޅުވެފައިވެއެވެ.

މިއުވާން މިހެން ވިދާޅުވި ނަމަވެސް އެ ސިޓީއަކީ ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުން ރާއްޖޭގެ ޚާރިޖިއްޔާއަށް ފޮނުވި ސިޓީއެއްކަން "ރަސް އޮންލައިން" އަށްވެސް ވަނީ ވަރަށް މުއުތަބަރު މަސްދަރަކުން ކަށަވަރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އައްޕި

09-Jul-2021

ތިޔަ މިއުވާން އަކީ ވެސް ހަދިޔާ ލިބޭމީހެއް ..ރާއްޖެ ޓިވީ ގައި އުޅުނު ސޮރެއް ސިޔާސީ މަގާމެއް ދީފައި ހުރީ



ޓްރެންޑިން