ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ބޭސިން ފުންކުރުނުގެ މަސައްކަތުގެ 86 އިންސައްތަ ނިންމާލެވިއްޖެކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މޮބިލައިޒް ކުރެވުނު މިމަޝްރޫޢުއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ. ހަމަމިމަޝްރޫޢުގެ ދަށުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން