ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ބޭރު ޤައުމުތަކުގެ އެމްބަސީތަކަށް ދައުވަތު ދެނީ ސަރުކާރުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުޙައްމަދު ސަޢީދު ތުހުމަތުކުރައްވައިފިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ އިންޑިޔާގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ގުޅޭ ގޮތުން ލިޔުނު ލިޔުމަކާ ވިދިގެން އިންޑިޔާއަށް ފާޑުކިޔާ ނޫސްތަކާއި، ފަރުދުންނާމެދު ފިޔަވަޅުއަޅަން އިންޑިޔާގެ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ. އެކަމަށް އިޝާރަތް ކުރައްވައި ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ އެފަދަ ކަންކަމަށް ބޭރު ޤައުމުތަކުގެ އެމްބަސީތަކަށް ދައުވަތު ދެނީ ދިވެހި ސަރުކާރުން ކަމަށެވެ. ސައީދު ވަނީ އެމައްސަލައިގައި ހަނު ތިއްބަވާތީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"23 ޑިސެންބަރުގައި ނުކުމެ އެމްޑީޕީ ވެރިކަމުން ދުކުރަން، ކަރުބުޑުން ހަންދާވަރަށް އަޑުއުފުއްލެވި "ބޮޑުން" މިހާރު ތިއްބެވީ އެމްޑީޕީއާއެކު އެ ހަނދާނުގައި." ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން ބޭއްވި ބޮޑު މުޒާހަރާއަށް އިޝާރަތްކުރައްވައި ސައީދު ވިދާޅުވިއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ އިންޑިއާ ހައިކޮމިޝަންގެ އެސިޓީގައި ވަނީ އެކޮމިޝަނާއި އިންޑިއާގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާ އަދި ރާއްޖޭގެ ނޫސްވެރިން މީޑިއާތަކުން ފަތުރަމުންދާ ވާހަކަ ތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެެވެ. އެކަންކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށް އިންޑިޔާ ހައިކޮމިޝަނުން ދިވެހި ސަރުކާރުގައި ވަނީ އެދިފައެެވެ. އަދި މިހާރު އިންޑިއާއާއި ދެކޮޅަށް ދެވެމުންދާ ބަހުގެ ހަމަލާތަކަކީ އެކޮމިޝަނުގެ އަގުވައްޓާލުމަށް ކުރެވެމުންދާ ކަމެއްކަމަށް ހައިކޮމިޝަނުގެ ސިޓީގައި ބުނެފައިވެއެެވެެ. ޑިޕްލޮމެޓުންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމުގައިވެސް އެސިޓީގައިވެއެެވެ. އިންޑިއާއާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެފަދަ ސިޓީއެއް ލިބިފައިވާކަމެއް އެނގިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް