ފުލުހަކު ގާޒީގެ ހުއްދައާ ނުލައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީސް ދޫކޮށް ދިޔުމުން ޝަރީއަތުގެ ހުރުމަތް ކެނޑި ކަމަށް ނިއްމައި "ދިވެހި ފުލުހުންގެ ހިދުމަތް" 3000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ފުލުހުން ޖޫރިމަނާކުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންގޮސް ބޭއްވި އަޑުއެހުމެއްގަައި ފުލުހަކު ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އެވެ.

އެ އަޑުއެހުމަށް ދިޔަ ފުލުހަކު އަދަބުތަކާ ހިލާފަށް ޝަރީއަތުގައި އެއްޗެއް ކާކަން ފާހަގަކުރެވިގެން ގާޒީ ދީބާނާޒު ފަހުމީ ވަނީ ޝަރީއަތުގެ މަޖިލީހުން ނުކުމެ އަނގަ ސާފުކުރުމަށް ފަހު އަލުން ކޯޓަށް ވަނުމަށް އަންގަވާފައެވެެ.

އެ ފުލުސް މީހާ އަނގަ ސާފުކޮށްގެން އެނބުރި ޝަރީއަތުގެ މާލަމަށް ވަނުމަށްފަހު އަޑުއެހުން ކުރިއަށް ގެންދަނިކޮށް، ގާޒީގެ ހުއްދައާ ނުލައި ޝަރީއަތުގެ މަޖިލިސް ދޫކޮށް ވަނީ ބޭރަށް ނުކުމެފައެވެ. އޭނާ ނުކުމެގެން ދިޔަ ސަބަބެއް އެނގިފައެއް ނުވެއެވެ. އެ ފުލުސް މީހާ އަލުން އެނބުރި ޝަރީއަތުގެ މާލަމަށް އައުމުން ޝަރީއަތުގެ ހުއްދަ ނެތި ޝަރީއަތުގެ މާލަން ދޫކޮށް ދިއުމުން ޝަރީއަތުގެ ހުރުމަތް ކަނޑާފައިވާކަމަށް ގާޒީ ވަނީ ނިއްމަވާފައެވެ. އެކަމުގެ އަދަބެއްގެ ގޮތުން "ފުލުހުންގެ ހިދުމަތް" 3،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ.

ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިހްތިޔާރު ގާޒީއަށް އޮވެއެވެ. ނުވަތަ ގިނަވެގެން އެއް މަހަށް ގޭ ބަންދު ކުރުން، ނުވަތަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބެއް ވެސް ދެވިދާނެ ކަމަށް ގާނޫނުގައި ބުނެ އެވެ. ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ކޮށްފިނަމަ އެއީ ވަގުތުން އަދަބު ކަނޑައެޅޭނެ ކަމެއްކަން ކޮންމެ އަޑުއެހުމެއް ފެށުމުގެ ކުރިން ކޯޓު އޮފިސަރުން އާންމުކޮށް އަންގައި އިއުލާނުވެސް ކުރެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން