ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އާއްމުކޮށްފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރަމުންދާ ރިޔާސީ ކޮމިޝަނުން އާއްމުކޮށްފައިވާ އެވީޑިއޯގަަަައި ފެންނަނީ މ. ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު ރޭ ކަންކަން ހިނގައިދިޔަ ގޮތެވެ. އެގޮތުން އެރޭ އެކެއް ޖެހިއިރު މާލެއިން ހުޅުމާލެއަށް ފުރި ފެރީން ހުޅުމާލެއަށް ދާ މަންޒަރާއި، ޓާރމިނަލުން ގެޔަށް ދާ މަންޒަރު، އަދި ރިޟުވާންގެ ގެ ކައިރިން އޭނާ ގަދަކަމުން ކާރަކަށް އަރުވާ މަންޒަރު އެކްޓްކޮށް ނުވަތަ ކުޅެފައިވާ މަންޒަރުތަކަކުން ދައްކައެވެ.





ނަމަވެސް މި ވީޑިއޯއިން އައު އެއްވެސް މައުލޫމާތެއް ނުލިބެއެވެ. ވީޑިއޯއިން ފެންނަނީ ކުރިންވެސް އެނގޭ މައުލޫމާތުތަކެވެ.

ރިޟުވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް މިކަމުގައި ސަރުކާރުން ޢަމަލުކުރަމުންދާގޮތަށް ފާޑުވެސް ކިޔައިފައެވެ. ރިޔާސީ ކޮމިޝަނުން ބުނެފައިވަނީ ރިޟްވާން ވަގަށްނަގައި ގެއްލުވާލާފައިވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ކަމަށެވެ. އަދި ރިޟްވާން މަރާލާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޟުވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ރިޟުވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވެސް ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ. މިމައްސަލައިގެ ތަހުގީގަށް އެހީތެރިވުމަށް ބޭރުގެ ކަމާބެހޭ ފަންނާނަކު ގެނަސްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ކުރިން ބުނެފައި ވެއެވެ. ނަމަވެސް އޭނާ ގެނަސްގެން ތަހުގީގަށް ލިބުނު އިތުރު ކުރިއެރުމެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން