މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަކުގެ ގޮތުގައި މަގުކުނިކަހައި ސާފުކުރުމާއި އާންމު ފާހާނާތައް ސާފުކުރުމާއި ކުނި އުކުން ފަދަ ކަންކަން ކުށްވެރިން ލައްވައި، ކުރުވޭ ގޮތަށް ސުޕްރީމް ކޯޓުން ނިއްމައިފިއެވެެ.

ގާނޫނުލްއުުގޫބާތުގައި ބުނެފައިވަނީ ޖަލަށްލުމާއި ގޭ ބަންދު ކުރުމުގެ ބަދަލުގައި އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރަން ކުށްވެރިންގެ މައްޗަށް އެންގިދާނެ ކަމަށެވެ. އެހެން ނަަމަވެސް މުޖުތަމައަށް ހިދުމަތް ކުރުމުގެ ގޮތުން ކުށްވެރިން ލައްވައި، ކުރުވޭނެ ކަންކަން މީގެ ކުރިން ބަޔާންކޮށްފައެއްނުވެއެެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އުސޫލުގައި ބުނެފައިވަނީ މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ޕާކުތައް ސާފުކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމަށެވެ. އަދި ގޭގެއިން ކުނި އުކުމާއި މަގު ހެދުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާއިި ދައުލަތުގެ އޮފީހެއް ނުވަތަ ކުންފުންޏަކަށް ވަކި މުއްދަތަކަށް ހިދުމަތް ކުރަން ވެސް އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެެވެ. އަދި އެފަދަ މަސައްކަތެއް ކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓުން އަމުރުކޮށްފި ނަމަ، ހުކުމާ އެއްގޮތަށް ކުށްވެރިޔާ އަމަލުކުރާ ކަން ދައުލަތުގެ އިދާރާތަކުން މޮނީޓާ ކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެ އެވެ.

މީގެއިތުރުން އެކަމާބެހޭ އުސޫލުތައް 60 ދުވަސް ތެރޭގައި ކަމާބެހޭ އިދާރާތަކުން ހަދަން ޖެހޭނެ ކަމަށް ސްޕްރީމް ކޯޓުން އެކުލަވާލި އުސޫލުގައި ބުނެފައި ވެއެވެ.

ކުށްވެރިން އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮޮބޭޝަންގެ އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުޅޭ ނޫޅޭ ގޮތް ބެލުމުގެ އަދަބު ކަނޑައެޅުމުގައި، ވަކި މީހަކާ ބައްދަލު ނުކުރަން އެންގުމާއި ވަކި ތަނަކަށް ނުދާން އެންގުމާއި ވަކި ވަގުތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުންނަން އަމުރު ކުރެވިދާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެެވެ. އަދި ވަކި ބާވަތެއްގެ ވަޒީފާއެއް އަދާކުރަން ވެސް އަމުރު ކުރެވިދާނެ ކަމަށް އުސޫލުގައި ވެއެވެެ.

މީގެ އިތުރުން އެ އުސޫލުގައި ބުނާގޮތުން ގޭ ބަންދުގައި ބައިތިއްބަން ހުކުމްކުރާ މީހުން ގޭގައި ތިބޭކަން ކަށަވަރު ކުރުމަށްޓަކައި ޓެގް އެޅުވުން ފަދަ ކަންކަން ވެސް ތަންފީޒީ އިދާރާތަކަށް ކުރެވިދާނެ އެވެ. އަދި ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި ވެސް، އެ މީހެއްގެ މާލީ ފުދުންތެރި ކަމަށް ބެލުމަށާއި އަދި ބޮޑެތި ކުށްތައް ސާބިތުވާ މީހުންނަށް ޖޫރިމަނާ އަދަބު ކަނޑަނޭޅޭ ގޮތަށް ވެސް އެ އުސޫލުގައިވެއެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން ކުށްވެރިޔާ އެ އަދަބާ އެއްގޮތަށް އަމަލު ނުކުރާ ނަމަ އަދަބުގެ ބާވަތް ބަދަލު ކުރެވިދާނެ އެވެ. އެގޮތަށް އަދަބު ބަދަލު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބެލުމަށް ފަހު ކަމަށް އުސޫލުގައި ބުނެ އެވެ. ކުށްވެރިޔާގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ސާބިތުވެއްޖެ ނަމަ، އޭނާގެ އަދަބު ޖަލު ހުކުމަކަށް ނުވަތަ ކުރިއަށް ވުރެ ހަރުކަށި އަދަބަކަށް ބަދަލު ކުރެވިދާނެ ކަމަށްވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން