ޒަހީނުއްދީން ސަޢީދު   2 ޖުލައި 2021 - 0:33
ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރު 100،000ރ. އިން އެއްމިލިއަން ރުފިޔާއަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް ނަގައިދެނީ 100،000ރ. އެވެ. އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި މަރުގެ ދިޔައިގެ މިންވަރު އިތުރު ކުރަންޖެހޭ ހާލަތުގައި އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، 133،000ރ. ކޯޓުން ނަގައިދީފައިވެއެެވެ. އެއީ އެންމެ ބޮޑުކޮށް މަރުގެ ދިޔަ ނަގައިދީފައިވާ އަދަދު ކަން ފާހަގަކޮށްލެވެއެވެެ. މަރުގެ ދިޔައިގެ މިންވަރު ރާއްޖޭގައި ކަނޑައަޅާފައިވަނީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން 1995 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އަދަބު ކަނޑައެޅުމުގެ އުސޫލު ބުނެފައިވަނީ މަރުގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ލުއި މިންވަރަކީ ވެސް އެއްމިލިއަން ރުފިޔާ ކަމަށެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން އަމުރުކުރަން ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ އާއިލާއަށް ގާތިލުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެކެވެ. ގަސްތު މަރުގެ މައްސަލަތަކާއި ގަސްތަކާ ނުލައި މީހަކު މަރާލެވޭ ހާލަތްތަކުގައި އަދި އިހުމާލުގެ ސަބަބުން މީހަކު މަރުވާ ހާލަތްތަކުގައި ވެސް ވާރިސުން ބޭނުންވާ ނަމަ، މަރުގެ ދިޔަ އިސްލާމީ ޝަރީއަތުން ނަގައިދެވޭނެއެެވެ. އެއީ ވާރިސުންގެ ހައްގެއް ކަމަށް އިސްލާމީ ޝަރީއަތުގައި ވަނީ ކަނޑައަޅާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން