ރައީސުލްޖުމުހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެގެންފައިވާ ކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ، މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވައި އިބްރާހިމް ދީދީ ވިދާޅުވީ، ފޮރިން މިނިސްޓްރީން ހައްލު ކުރަންޖެހޭ ކަމެއްގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަންނަންނުޖެހޭ ކަމަށާއި، ރިޔާސީ ނިޒާމެއްގައި ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމުހޫރިއްޔާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީ 115 ވަނަ މާއްދާ އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެގެންފައިވާ ކަމަށް ދީދީ ތުހުމަތުކުރެއްވިއެވެެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާއި އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެެވެ.





ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މީޑިޔާތަކަށް ކުރާ ތުހުމަތު ބަލަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް ސިޓީއެއް ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ނިންމައިގެން ނޫން ކަމަށް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ވާހަކަތަކާއި ގުޅިގެން އިބްރާހިމް ދީދީ ވިދާޅުވީ، މަޖިލީހުގެ ކޮމެޓީއަކުން ގޮތެއް ނުނިއްމައި އެބާވާތުގެ މައްސަލަތަށް މަޖިލީހުގެ އިދާރާއިން ބެލުމަކީ ރިޔާސީ ނިޒާމެއްގައި ޑިކްޓޭޓަރޝިޕްގެ ސިފައެއް ކަމަށެވެ. ރައްޔިތުންގެ މަންދޫބުން ދިފާއުކުރަންޖެހޭނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ކަމަށް ރާއްޖޭގެ ދިފާއީބާރުގައި 32 އަހަރު ޚިދުމަތް ކުރައްވައި ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔަކުރައްވާފައިވާ ދީދީ ވިދާޅުވިއެވެ.

"‏ރައްޔިތުން ގެ މަންދޫބުން ދިފާއު ކުރަން ޖެހޭނީ ރައްޔިތުންނާއި ޤައުމުގެ މަޞްލަހަތު. ދިވެހި ރައްޔިތަކަށް ފިޔަވަޅު އެޅޭނީ ދިވެހި ޤާނޫނުން ކުށެއް ކަމަށް ބަޔާން ކުރާ ގާނޫނަކާއި ރައްޔިތަކު ޚިލާފް ވީމަ!" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެފައިވަނީ މައްސަލަ ބަލައިދޭން އެދި މަޖިލީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި އެ ސިޓީއާ ގުޅޭ ގޮތުން ކޮމިޝަނުން ކޮމިޓީއަށް ޖަވާބުދާރީވާނެ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ. މީޑިއާ ކައުންސިލަށް މަޖިލީހުން ފޮނުވި ސިޓީގައި ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ލިޔުނު ކަމަށްބުނާ ލިއުމެއްގެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ. އަދި އެކަމުގައި މީޑިއާ ކައުންސިލުން ކުރި މަސައްކަތެއްގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން ވެސް މަޖިލީހުން މީޑިޔާ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ އަންގާފައެެވެ.

ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަންް އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 41 ވަނަ މާއްދާގެ (2) ވަނަ ނަމްބަރުގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް މިޝަނެއް ހުންނަ ގައުމުގެ ސަރުކާރާ އެ މިޝަނުން ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ކުރާނީ ފޮރިން މިިނިސްޓްރީ ނުވަތަ އެ ދައުރު އަދާކުރާ އެ ގައުމަކުން ކަނޑައަޅާފައިވާ މިނިސްޓްރީއަކާ ކަމަށެވެ. ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތުތަށް ބަލައި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހައިކޮމިޝަނުން މިހާރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވެސް އެދިފައެެވެ.

ރާއްޖޭގެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އިންޑިއާގެ ޑިޕްލޮމޭޓުންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް ލިއުނުކަމަށް ބުނާ މައްސަލަ ބަލައިދޭން އެދުމުން އިންޑީއާ ހައި ކޮމިޝަނަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ފިގުހާ

09-Jul-2021

ރޯނު އެދުރުން ތިބި ތަނެއްވީމަ ނުބެހޭ ކަމެއް ނޯންނާނެ


7

ފިގުހާ

09-Jul-2021

ރޯނު އެދުރުން ތިބި ތަނެއްވީމަ ނުބެހޭ ކަމެއް ނޯންނާނެ



ޓްރެންޑިން