މޭމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ފުރިހަމަ ތަހުޤީޤެއް ހިންގަން ބޭނުންވާނަމަ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޤާމުން އެކަހެރިކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ރަޝީދު ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާނަކީ ރައީސް ނަޝީދާއި ވަރަށް ބޮޑު ޒާތީކަމެއް އޮތް ބޭފުޅެއްކަމަށެވެ. އެހެންކަމުން ހަމަލާގެ ފުރިހަމަ ތަހުޤީގެއް ހިންގަން ބޭނުންވާނަމަ މިނިސްޓަރ އިމްރާން މަޤާމުން އެކަހެރިކުރަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އިމްރާން މަޤާމުން އެކަހެރިކުރުމަށް ހަމަލާގެ ތަހުޤީގުގެ ކަންކަން ވިލަރެސްކުރާ އެމްޑީޕީގެ "މެއި 6" ކޮމިޓީން ސަރުކާރުގައި އެދެންޖެހޭކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

"އެ މަސްލަހަތު އެބައޮތް، އެއީ ދައުލަތުގެ، އެމްޑީޕީގެ ވެރިއެއް އަދި ދިވެހިރާއްޖޭގެ ރަައީސްކަން ކޮށްފައިވާ ބޭފުޅެއް. ޒާތީ ގޮތުން ކުރީގައި ވެސް އެތައް ކަމެއް ކޮށްފައި ހުރި ބޭފުޅަކު ހޯމް މިނިސްޓަރުކަމުގައި ހުރެގެން ސާފު ތަހުގީގެއް ނުހިންގޭނެ. ނަތީޖާ ނެރެން އަޅުގަނޑުމެން ބޭނުންވަނީ." މެމްބަރު ރަޝީދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ބޮންޑޭ ވަނީ ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހޯމް މިނިސްޓަރަށް އަދި ފުލުހުންގެ އިންޓެލިޖެންސަށް ކުރިން ލިބިފައިވާނެކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި "މެއި 6" ކޮމިޓީގެ މުޤައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ސާފުކުރުމަށް ކޮމިޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އިލްޔާސަށް މެއި 3 ވަނަ ދުވަހުގެރޭ މީހަކު ގުޅައި ބައްދަލުކުރަން އެދުމުން އެމީހާ އާއި ބައްދަލުކުރި ކަމަށާއި، އެ މީހާ ދިން މަޢުލޫމާތަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ރުފިޔާގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާކަމުގެ މަޢުލޫމާތު ކަމަށެވެ. އަދި އޭރު ކުރިއަށްދަނީ އެޑްވާންސް ޕޭމެންޓްގެ ކަންކަންކަމަށް އެމީހާ އިލްޔާސަށް މައުލޫމާތު ދިން ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ހަމަ އެރޭ އިލްޔާސް ވަނީ ރައީސް ނަޝީދާ ބައްދަލުކުރަށްވައި އެ މައުލޫމާތު ހިއްސާ ކުރަށްވާފައިކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝާދާ އެއްގޮތަށް ޑިފެންސް މިނިސްޓަރަށް އިލްޔާސް ގުޅުއްވި ކަމަށާއި، އެރޭ އެކަމަނާ ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ. ނަމަވެސް ޖެހިގެން އައި މެއި 4 ވަނަ ދުވަހު ހެނދުނު މިނިސްޓަރ އިލްޔާސަށް ގުޅުއްވި ކަމަށާއި، އެވަގުތު އެ ވާހަކަ އިލްޔާސް ހިއްސާ ކުރެއްވި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން އެ ޙަމަލާގެ ތަހުޤީޤު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އެކުލަވާލި "މެއި 6" ކޮމިޓީން ދަނީ ދަޢުލަތުގެ ގިނަ އިދާރާތަކަކާ ބައްދަލުކޮށް މަޢޫލޫމާތު ސާފު ކުރަމުންނެވެ. ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެން އުޅުއްވަނީ ޖަރުމަން ވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ލލ

09-Jul-2021

ރައްޔިތުންގެ މަޖިލިސް ރަގަޅަށް ހިންގުމައްޓަކައި ބޮންޑާމެން ކަހަލަ ކަށި ހަރު ނަފުރަތު ބާޓީގެ މީހުން ވަކިކުރަން ޖެހޭ !



ޓްރެންޑިން