ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި ތަޣައްޔަރުވެފައިވާ ކުނިގޮނޑުތައް ނައްތާލުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން ކ، އއ، އދ، ވ އަތޮޅު ހިމެނޭ ޒޯންގެ 32 ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އެރަށްރަށުގެ ކައުންސިލާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.

މިއެއްބަސްވުމުގެ ދަށުން ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި އެޅުމާއި ކުނި މެނޭޖުކުރާނެ ވަސީލަތްތައް ނެތް ރަށްރަށަށް ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރާނެ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މިގޮތުން، 15 ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމާއި، 11 ރަށެއްގައި މިހާރު ހުރި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް މިޕްރޮޖެކްޓުގެ ދަށުން ކުރެވޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖުކުރުމުގެ ޒަމާނީ ޓެކްނޯލޮޖީ އެކުލެވޭ ނިޒާމެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރެވި، ދިރިއުޅުމަށް އެކަށޭނަ ސާފުޠާހިރު މާހައުލެއް މިރީތި ރަށްތަކުގައި އުފައްދައި، ރަށްރަށުގެ ޖަޒީރާވަންތަކަން އަލުން އިއާދަކުރުމާއި ތަޣައްޔަރުވެފައިވާ ކުނިގޮނޑުތައް ނައްތާލުން ކަމަށެވެ.



މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އެހީދޭ ޖަމާޢަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭ.އެފް.ފީ.އާރް.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢޫގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދު އަދި ޒޯން 3 ގެ ރަށްތަކުގައި (32 ރަށުގައި) އެކުލަވާލުމެވެ. މިޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ޙަސަނާ

09-Jul-2021

ސުރުޚީގައިވާ އިބާރާތުން މާނަކުރެވޭނީ ކުނިގޮނޑުތައް ތަޣައްޔަރުވީ ޓެކްނޮލޮޖީގެ އެހީގައޭި ކަމަށް. އެ އިބާރާތް ލިޔަންޖެހޭނީ "ތަޣައްޔަރުވެފައިވާ ކުނިގޮނޑުތައް ޓެކްނޮލޮޖީގެ އެހީގައި ނައްތާލުން" މިގޮތަށް. ދިވެހިބަހުން ރަނގަޅަށް އިބާރާތްކުރަން ދަސްކުރޭ.



ޓްރެންޑިން