އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ކޯވިޑާއި ގުޅިގެން މެދުކަނޑާލާފައިވާ ބައެއް ޚިދުމަތްތައް އާދީއްތަދުވަހު އަލުން ދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭއިން އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވުނު ލުއިތަކާއިއެކު އެހޮސްޕިޓަލުން މެދުކަނޑާލާފައިވާ ބައެއް ޚިދުމަތްތައް 4 ޖުލައި 2021 އިން ފެށިގެން އަލުން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 16:00އަށް އޯޕީޑީގައި ޑޮކްޓަރުން ބަލި މީހުން ބައްލަވާނެކަމަށެވެ. އަދި ހުރިހާ ޑިޕާރޓްމަންޓުތަކުން ބަލިމީހުން ހޮސްޕިޓަލަށް ގެނެސްގެން ހިންގޭ އޯޕީޑީތައްވެސް އެދުވަހުން ފެށިގެން ހިންގަން ފެށޭނެކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

އައިޖީއެމްއެޗުން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ފިޒިއޯ ތެރަޕީ އަދި އޮކިއުޕްޝަނަލް ތެރަޕީ ސެޝަންތައް ހުކުރުދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ 08:00 އިން 16:00 އަށް، ހޮސްޕިޓަލަށް ބަލިމީހުން ގެނަސްގެން ކުރިޔަށް ގެންދާނެއެވެ. އަދި ސްޕީޗް ތެރަޕީ ސެޝަންތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 އިން 14:00 އަށް، ހޮސްޕިޓަލަށް ބަލިމީހުން ގެނަސްގެން ކުރިއަށް ގެންދާނެއެވެ.

މިނޫންވެސް އައި ޖީ އެމް ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ކުރިންވެސް ދެމުން އައި ގޮތަށް އާންމު ހާލަތަށް ބަދަލު ކުރުމަށް ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗުން ބުނީ މި ޚިދުމަތްތަކުގެ އިތުރުން ދުރާލާ ރާވައިގެން ކުރަމުންގެންދާ އޮޕަރޭޝަންތައްވެސް 4 ޖުލައިން ފެށިގެން ކުރަން ފެށޭނެކަމަށެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވުމަށްފަހު، އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ދާންފަށާފައެވެ. މިގޮތުން އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ 133 މީހުންނެވެ. އޭގެ ތެރެއިން މާލެއިން ޕޮޒިޓިވީ 43 މީހުންނެވެ. 377 މީހުން އިއްޔެ ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް ހާލަތު ރަނގަޅުވާން ފެށުމުން އަންނަ އާދީއްތަދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައްވެސް ހުޅުވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން