ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔާތްކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގާ މަޝްރޫޢަކަށް 25.1 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ގްރީން ކްލައިމެޓް ފަންޑުން ފާސްކޮށްފިއެވެ.

ގްރީން ކްލައިމެޓް ފަންޑަކީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤުވާމީ ފަންޑެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ޖީ.ސީ.އެފް.ގެ އިތުރުން ޖައިކާގެ ފަރާތުން މި މަޝްރޫޢަށް 35.4 މިލިއަން ޔޫ.އެސް ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށެވެ. އަދި ހަމަ މި މަޝްރޫޢަށް ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިމަޝްރޫޢުގެ ދަށުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ކަމަށެވެ.

މިމަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން، މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ޤުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ޤާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މަޢުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް މި މަޝްރޫޢުގެ ދަށުން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން