ބައެއް ކޮލެޖް، އިންސްޓިޓިއުޓްތަކުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަންޖެހޭ ކަންކަން ނާންގައި ހުންނަކަން ފާހަގަކުރެވެމުންދާކަމަށާއި، އެފަދަ ކަންކަމާއިމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ދީފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އައްޑޫ ފްލައިންގ ސްކޫލް ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ މަތީ ތައުލީމްދޭ ކޮންމެ މަރުކަޒަކުންވެސް އެތަނަށް އަންނަ މުހިންމު ބަދަލުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަންވާނެކަމަށާއި އެގޮތުން، މެނޭޖްމަންޓް، މަސްއޫލުވެރި ފަރާތް، ހިންގާ ވެރިޔާ، ކެމްޕަސް، އައުޓްރީޗް ސެންޓަރ، އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް ފަދަ، ތަނުގެ އެއްވެސް މުހިންމު މައުލޫމާތަކަށް ބަދަލު އަންނަނަމަ އެ މިނިސްޓްރީއަށް އެކަން އަންގަންވާނެކަމަށެވެ.

މިނިސްޓްރީން ބުނީ ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގައިވެސް، ކިޔަވައިދޭ ތަނެއްގެ މަސްއޫލުވެރި ފަރާތް ބަދަލުކުރަން ބޭނުންވާނަމަ، މަސްއޫލުވެރި ފަރާތުން އެގޮތަށް އެދޭކަމުގެ ލިޔުމާއި، މަސްއޫލުވެރިކަން ހަވާލުވާ ފަރާތުން އެކަމަށް އެދޭކަމުގެ ލިޔުމާއި، އެފަރާތުން ތަނުގެ މަސްއޫލުވެރިކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމުގެ ލިޔުމަކާއެކު މިނިސްޓްރީއަށް ހުށަހަޅަންޖެހޭކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިޚުތިޔާރާއި، އިންސްޓިޓިއުޓް އުވާލަންޖެހޭ ހާލަތްތަކުގައި އުވާލުމުގެ އިޚުތިޔާރުވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ގަވާއިދާ ޚިލާފުވެގެން އިންސްޓިޓިއުޓެއް އުވާލަންޖެހޭ ހާލަތުގައި، މިނިސްޓްރީއާއި ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއް ނޯންނާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، މައްސަލަ ބޮޑުވެފައިވާ އައްޑޫގައި ހިންގަމުންދިޔަ ފްލައިންގ ސްކޫލްގެ މިލްކުވެރިކަން ރާއްޖޭގެ އެވިޑް ކޮލެޖްގެ ދަށަށް ބަދަލުކުރުމުންނެވެ. އެވިޑުން ވަނީ އައްޑޫ ފްލައިންގ ސްކޫލް ގަނެ، އެވިޑް ކޮލެޖްގެ އޭވިއޭޝަން ސްކޫލުގެ ގޮތުގައި އެތަން ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އެކަން ހިނގާދިޔަ ގޮތާއި މެދު ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން