ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފާމެދު އެޅިފިޔަވަޅަކީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށްބުނެ އިޔާޒުގެ ވަޒީފާ އަލުން އިޢާދަކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން މިކަމަށް ގޮވާލީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފް، އެ ޔުނިވާސިޓީން ވަކިކުރި މައްސަލައިގައި ނެރުނު ބަޔާނުގައެވެ.

އަދާލަތުގެ ބަޔާނުގައި ބުނީ ޤައުމީ ޔުނިވަރސިޓީން ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފާ މެދު އެޅި ފިޔަވަޅަކީ، އެފަދަ މަޤާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއާތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްކަމަށެވެ.



ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް އެފަދަ ސަބަބެއްވެސް އަދި ޙާލަތެއްވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ ޢިލްމުވެރިންނާމެދު އެޅުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޑރ. މުޙައްމަދު އިޔާޒު ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ޙާލު އެނިންމުން ބާޠިލުކޮށް އޭނާ ކުރިން ހުންނެވި މަޤާމަށް އަނބުރާ އިޢާދަކުރުމަށް އަދާލަތުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.



އަދާލަތުގެ ބަޔާނުގައި އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާއިރު، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އެކަމަކީ އިސްލާމީ ހަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެއްކަމަަށް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިނިވަންކަމާއެކު ފިކުރުކޮށް އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި ޚިޔާލުތައް، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ދުލާއި ޤަލަމުން ފާޅުކުރުމަކީ އަސާސީ ޙައްޤެއް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާއިން، ޢިލްމުވެރިން ދައްކަވާ ޢިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ބަޔާނުގައިވެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ ޢިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެކަމަށްވެސް އަދާލަތުން ބުނެއެވެ.

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، ޑރ. މުޙައްމަދު އިޔާޒާމެދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ ޢުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއްކަމަަށް ބުނެފައިވެއެވެ. އަދި މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުކަމަށާއި އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު ޑރ. މުޙައްމަދު ޢިޔާޒު ފާޅުކުރެއްވި ޝުޢޫރެއްނޫންކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސަޢީދު

09-Jul-2021

ތިމީހުންމިނެކިރަނީގައުމުފިތުނަކުރަންކަމައްވާނަމައެކަންކުރަންމާލަސްވެއްޖެއެކަލޭގެއިލްމުވެރިޔަކައްވެހުރެމީޑިޔާގައިރައްޔިތުންބައިބައިކުރަންކުރާމަސަތްކައްބަލައިނުގަނެވޭ މީޑިޔާގައި ހަޔާތްނުގޮވާއެކަމާބެހޭފަރާތުގައިވަކާލާތުނުކުރެވެނީ އިލްމައްހުރިގެއްލުމެއްގެސަބަބުން



ޓްރެންޑިން