05 ވަނަ އެޕިސޯޑް

==========

[ދަރިފުޅާ....ދަރިފުޅަށް ޝައްކުވާ މީހަކުވެސް ބުނެބަލަ.] ޙުސްނީ އެއްސެވެ. ޒައިހާގެ ގައިގައި ފިރުމާލަމުންނެވެ. އެހިނދު ޒައިހާއަށް ބޭއިޚްތިޔާރުގައި ޙުސްނީގެ އަތްފޮޅުވާލެވުނެވެ.

ޒައިހާގެ އެ ޙަރަކާތުގެ ސަބަބުން ޙުސްނީއަށް ސިހުން ލިބުނަސް، އޭނާ އެކަން މާބޮޑު ކަމަކަށް ނަހަދައެވެ. އޭނާ ހީކުރީ އެރޭ އޭނާ ފާރަޔަށް ނުހުރެވުނީމާ، ޒައިހާ ހިތްހަމަނުޖެހުނީ ކަމަށެވެ.

[ބައްޕައަށް ބޮޑަށް ޝައްކު ކުރެވެނީ ތިއީ މުއީޒްގެ ކަމެއް ކަމަށް.] ޙުސްނީ ހަމަ ޝައްކު ކުރަނީ މުއީޒަށެވެ.

[ނޫން...އެކަހަލަ މުޑުދާރު ޢަމަލެއް މުއީޒެއް ނުހިންގާނެ. މުއީޒަކީ އެއަށްވުރެން މާރަނގަޅު....] ޒައިހާ ހަޅޭއްލަވައިގަތެވެ. އެއީ ޒައިހާ ޙުސްނީއާ ދެކޮޅަށް ބުނި ފުރަތަމަ ބަހެވެ.

[ދަރިފުޅާ!؟] އެއީ ޒައިހާގެ އަޑުކަމަށް ޙުސްނީއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އެހިނދު ޒައިހާ އުޅުނީ ރޮއިރޮއިފައި ޙުސްނީގެ ވާހަކަ މަންމައަށް ކިޔައިދޭށެވެ. އެހެންހިތާ އޭނަގެ ދޫ ޙަރަކާތްވެސް ކުރިއެވެ. ނަމަވެސް، މަންމަގެ މޫނަށް ބަލައިލެވުމާއެކު، އޭނާގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ.

[މަންމާ...މަންމަމެން މިތަނުންދޭ.....] ޒައިހާ ގައިގައި ބެޑްޝީޓް އޮޅާލައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ޙުސްނީއާއި ބަދުރިއްޔާ ކޮޓަރިން ނުކުތެވެ. އެކަން ޙައްލުކުރާނެ ގޮތަކާ ދޭތެރޭ މަޝްވަރާ ކުރަމުންނެވެ.

[އެމަންޖެ ދެން އަހަރުމެން ގާތު މިކޮޓަރީގައި ބާއްވަންވީކަންނޭނގެ....އެނޫން ގޮތަކަށް އެކަމެއް ނުހުއްޓޭނެއެއްނު.] އެވެރިންގެ ނިދާކޮޓަރިއަށް ވަންނަމުން ޙުސްނީ ބުންޏެވެ.

[އަހަރެންވެސް މި ވިސްނަނީ ތިގޮތަށް....ދެން އެމަންޖެ އެކޮޓަރީގައި ނުބާއްވާނީ.....] އެއީ ބަދުރިއްޔާވެސް ބޭނުންވާގޮތެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ބަދުރިއްޔާ ޒައިހާ ގާތު، އޭނާ ދެން ނިދަންވާނީ އެމީހުންވެސް ނިދާ ކޮޓަރީގައި ކަމަށް ބުނީމާ، ޒައިހާ އެކަމަށް އެއްބަހެއްނުވިއެވެ. އެކޮޓަރީގައި ޒައިހާ ނުނިދާނޭ ސަބަބެއް ނުބުނެއެވެ. ނަމަވެސް، އޭނާ ބުނީ އޭނަ ނިދާނީ އޭނާގެ ކޮޓަރީގައި ކަމަށާއި، އޭނާއާ ދޭތެރޭ މަންމަ ނުވިސްނުމަށެވެ.

[ތިހެންވީއިރު މީގެފަހުން މަންމަ ނިދާނީ ދަރިފުޅުގެ ގާތުގައި.] ދަރިފުޅު ކިތަންމެ ނުރުހުނަސް، އޭނާއާ ވަކިކުރާކަށް ބަދުރިއްޔާ މިހާރު ބޭނުމެއް ނޫނެވެ. ބަދުރިއްޔާގެ އެނިންމުމަކަށް ޒައިހާ ދެކޮޅެއްނަހަދައެވެ.

އެދުވަހު ހަވީރު ޒައިހާ މިރުޒާއާ ބައްދަލުކުރަން މިރުޒާގެ ގާތަށް ދިޔައެވެ. އޭރު މިރުޒާ އުޅެނީ އޭނާގެ މަންމައާއެކު ހަވީރުގެ ސަޔަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުމުގައި އަވަދިނެތިއެވެ.

[މިރޫ....އައިސްބަލަ.....] ޒައިހާ ބަދިގެ ދޮރުމައްޗަށް ހުއްޓި މިރުޒާއަށް ގޮވާލިއެވެ. މިރުޒާ އޭނާ ކުރަން އިން މަސައްކަތް މަންމައާ ޙަވާލުކުރުމަށްފަހު، ޒައިހާގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު، ޒައިހާ ބަޑިފަޅައިގެން ދިޔައެވެ. އޭނާ މިރުޒާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ބާރަށް ރޯން ފަށައިފިއެވެ.

[މިރޫ....އަހަންނަކީ ކިހާ ބަދުނަޞީބު މީހެއް....އަހަރެން....ކިހިނެއްތަ ހަދާނީ....] ޒައިހާ ރޮމުން ވާހަކަ ދައްކަން ފެށިއެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީއެވެ. ހިތުގެ ކެކުޅުންތައް ރަޙްމަތްތެރިޔާއަށް ކިޔައިދީގެން ލުޔެއް ހޯދާށެވެ.

[ކިހިނެއްވީ؟ އެއީ ކާކުކަން އެނގުނީތަ؟] ޒައިހާ މާގަދައަށް ގިސްލަ ގިސްލާފައި ރޯން ފެށުމުން، މިރުޒާއަށްވެސް އަސަރު ކުރިއެވެ.

[އާނ...މިރޫ...އެއީ ކާކުކަން އެނގިއްޖެ....އެ މުޑުދާރު ޢަމަލު ހިންގާ މީހާ....] ޒައިހާގެ އަޑު ބެދުނެވެ. އޭނާ ދެން ބުނަން ޖެހެނީ އޭނާ ނުހަނު ލޯބިވާ ބައްޕަގެ ވާހަކައެވެ. ނަމަވެސް، ކިތަންމެ ލޯބިވިޔަސް، އެ ބައްޕަވަނީ މިހާރު އެ ލޯބި ކަފުންކޮށްފައެވެ.

[ޒައިހާ....ނުރޮއި ބުނެބަލަ...އެއީ ކާކުތަ؟] މިރުޒާ ޒައިހާގެ ލޯ ފޮހެދެމުން އެއްސެވެ.

[މިރޫ...އަހަރެން ލަދުވެސްގަނޭ.....] ދެންވެސް ޒައިހާއަކަށް ކުރިއަކަށް ނުގެންދެވުނެވެ. އޭނާއަށް ރޮވުނެވެ. އޭނާ އެވާހަކަ މިރުޒާ ގާތު ބުނާނީ ކޮން ދުލަކުން ހެއްޔެވެ. އެއީ އޭނާ ނުހަނު ލޯބިވާ ބައްޕައެވެ. ހަމަ ޙަޤީޤަތުގައިވެސް ބައްޕައަކީ އެހާ މުޑުދާރު މީހަކީ ހެއްޔެވެ؟ ބައްޕަ މުއީޒާ އެހާ ނުރުހެނީވެސް އެހެންވީމަތާއެވެ؟ މުއީޒަކީ މާތް އިންސާނެކެވެ. މުއީޒް އޭނާދެކެ ނުލާހިކު ލޯބިވެއެވެ.

[ޒައިހާ....ނުރޮއި ބުނެބަލަ ކާކުތަ އެއީ؟] މިރުޒާވެސް ފެންކަޅިވެއްޖެއެވެ.

[މިރޫ.....މިރޫއަށް ގަބޫލެއްވެސް ނުކުރެވޭނެ. ކިހިނެއްތަ އަހަރެން އެވާހަަކަ ބުނާނީ.....] ޒައިހާއަކަށް އަދިވެސް ހިތްވަރެއް ނުލިބެއެވެ. ހަމަ ރޮވެނީއެވެ. ގިސްލެވެނީއެވެ. މަންމަގެ އިޙްތިރާމަށްޓަކައި އެވާހަކަ ސިއްރު ކުރަންވެސް އޭނާ ބޭނުންވެއެވެ. ނަމަވެސް ސިއްރު ކޮށްފިއްޔާ، ދެން ކަންތައް ވެގެންދާނޭގޮތްވެސް އޭނާގެ ހިތަށްއަރައެވެ. އޭނާ އެންމެ ބޮޑަށް ދެރަވަނީ އެއީ ކާކުގެ ބީހުންތަކެއްކަން އެނގުނުއިރު، އޭނާ އެބީހުންތަކަށް ހިތްޖެހިފައިވާތީއެވެ.

ޙަޤީޤަތުގައިވެސް އެއީ ކާކުކަން އެނގުނުއިރު، އޭނާއަށްވަނީ އެ އިޙްސާސްތަކާމެދު ޝައްޤުވެރިވެވިފައެވެ.

[ފަސްނުޖެހޭ، ޒައިހާ ބުނޭ، އެއީ ކާކު؟] މިރުޒާ އެއްސެވެ. މިހާރު މިރުޒާގެ ހިތްވަނީ އަވަސްވެފައެވެ. އޭނާގެ ހިތްވެސް ބާރަށް ތެޅެން ފަށައިފިއެވެ. އެއީ ކާކުކަން ޒައިހާއަށް ނުބުނެވިގެން އުޅެނީ ކީއްވެގެންބާއޭ އޭނާގެ ހިތަށްވެސް އަރަމުންދިޔައެވެ.

[މިރޭ....އެވާހަކަ ކިޔާދޭހާ ހިތްވަރެއް އަހަރެންގެ ކިބައަކުނެތް....މިވަގުތު އަހަރެން...ދަނީ....] ޒައިހާ ރޮމުން އެގެއިން ނުކުމެގެން ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށެވެ.

އެވަގުތު ޒައިހާގެ ފަހަތުން ދާން ބޭނުންވި ކަމުގައިވިޔަސް، އޭނާ ލައިގެން އިން ހެދުމާއި، ގައިން ދުވާ ބަދިގެވަހުން އޭނާ ހުއްޓެން މަޖުބޫރުވިއެވެ. ނަމަވެސް، ފެންވަރާ ނަލަހެދިލައިގެން ޒައިހާއާ ބައްދަލުކުރަން އޭނާ ޤަޞްދުކުރީ ޒައިހާ އޭނާއަށް އެއްވެސް ކަމެއް ސިއްރު ނުކުރާނޭކަން ޔަޤީން ކުރަމުންނެވެ.

ޒައިހާ ގެއަށް އައިސްވެސް ރުޔެވެ. އެނަކިމެތި އަނދަގޮނޑިން ސަލާމަތްވާނެ ގޮތަކާދޭތެރޭ ވިސްނާ ފިކުރު ކުރަމުންނެވެ. އެދުވަހުގެ އެއްވެސްއިރެއްގައި ޒައިހާ ނުވެސްކައެވެ. އެކަން ފާހަގަކޮށް، މަންމަ ބަދުރިއްޔާ އެތައް ނަޞޭޙަތެއްދިނެވެ. ޙުސްނީވެސް މަހުން އައިސް ޒައިހާއަށް ހިތްވަރާއި ނަޞޭޙަތްދިނެވެ.

[ދަރިފުޅާ، ހިތްވަރުކުރޭ. ދެރަކަމަކީ ތިމީހަކު ވަންނަ ގޮތެއްވެސް ނޭނގޭތީ.....] ގެނައި މަސްތައް ބިލިގާތެރެއަށް އަޅާލުމަށްފަހު، ހިންދެމިލަމުން ޙުސްނީ ވާހަކަ ދެއްކިއެވެ. އެއީ ބޭރުން ވަދެ މީހަކު ކުރާ ކަމެއް ނޫނޭ ބުނެފާނަމޭވެސް ޒައިހާ ހިތަށްއެރިއެވެ. ބައްޕަ މުއީޒާ ނުޤަބޫލުވި ނުޤަބޫލުވުމާއި، މަންމަ ރަށު އޮފީހަށް އަންގަން ބުނީމާ ނޭންގުމުން، ބައްޕަގެ ރޭވުންތެރިކަމާމެދު އިތުރަށް އޭނާއަށް ވިސްނެން ފެށުނެވެ. މިހާރު އޭނާގެ ހިތް އޭނާގެ ގާތު ބުނާކަހަލައެވެ. ބައްޕައަކީ ކޮންފަދަ ނުލަފާ މުޑުދާރު މީހެއްބާއެވެ. މީހުންގެ ކުރިމަތީގައި ދަޅަދައްކަންވެސް އޭނާ ދަނެއެވެ.

[ޙުސްނީ.....އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެ". މިއަދު ހަތަރުދަން ހޭދަވެގެން އެދަނީ އަރުން އެއްވެސް އެއްޗެއް އެތެރެނުކޮށް. އާދޭސް ކޮށްކޮށްވެސް އެއްވެސް އެއްޗެއް ނުކައި....ބަނޑުހައިނުވެއޭ ބުނަނީ.....] ޒައިހާ ގޮސް ކޮޓަރިއަށް ވަނީމާ، ދެރަވެ މާޔޫސްވެފައި އިން ބަދުރިއްޔާ ބުންޏެވެ.

[އަހަރެންވެސް ދެރަވެޔޭ.....އެކަމަކު އަހަރެން ބުނީތީ ވަކި ކާނެތަ....އެހެންވާނޭވެސްމެ، އެކަހަލަ ކަމެއް މެދުވެރިވީމާ، އެމަންޖެ ހާދަ ދެރަވާނޭ.....އަހަރެން އެންމެ ދެރަވަނީ އެއީ ކާކު ކަމެއްވެސް އެމަންޖެއަށް ނޭނގޭތީ.] ހުސްނީ ވަޅި ހިފައިގެން އައިސް، އޭނާ ގެނައި މަސްތައް ކަނޑަން ފަށަމުން ބުންޏެވެ.

[މިރެއިން ފެށިގެން އަހަރެންވެސް ނިދާނީ އެކޮޓަރީގައެއްނު....އޭރުން ވާގޮތެއް އެނގިދާނެތާ؟ ޙުސްނީ މަސްކޮޅު ކަނޑާލާފައި ގޮސް އެމަންޖެއަށް ވިސްނައިދީބަލަ....ބުނެބަލަ ކޮންމެވެސް އެއްޗެއް ކާން އަންނާށޭ.] މަސް ދޮންނަމުން ބަދުރިއްޔާ ބުންޏެވެ.

[ބަދުރިއްޔާ އާދޭސްކޮށްގެން ނުކޭއިރު، ވަކި އަހަރެން ބުނީތީ ކާނެތަ؟ ވަރިހަމަ އަހަރެންވެސް ބުނާނަން...މަސްތައް (އޭނާ ގެނައި ދެމަސް) ކަނޑާ ނިންމާލުމަށްފަހު އަތް ދޮވެލައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޙުސްނީ ބުންޏެވެ. ފުރަތަމަ ޙުސްނީ ފެންވެރިއެވެ. އޭނާ ޒައިހާގެ ގާތަށް، ޒައިހާ އޮތް ކޮޓަރިއަށް ވަނީ އެއަށްފަހުގައެވެ. އޭރު ޒައިހާ އޮތީ ދުވަހުގެ އެހާއިރަށް އެއްވެސް އެއްޗެއް ނުކައި އޮތުމުގެ ސަބަބުން ނިކަން ވަރުބަލިވެ ނިދިޖެހިފައެވެ.

[ދަރިފުޅާ...ނުކައި ނުބޮއި ތިހެން އޮންނާކަށް ނުވާނެ....ކޮޓަރިއަށް ވަންނަމުން، ނިދިޖެހިފައި އޮތް ޒައިހާއަށް ޙުސްނީ ގޮވާލިއެވެ. ޙުސްނީގެ އަޑަށް ޒައިހާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު ޙުސްނީ ފެނުނީމާ އޭނާ ބިރުން ތުރުތުރުއަޅަން ފެށިކަހަލައެވެ.

[ނޫން...ނޫން...މިތަނުން ނުކުމޭ. އަހަރެން ބިރުގަނޭ. މަންމާ...އަހަރެން ސަލާމަތްކުރޭ....] ޒައިހާ ރޮއިގަންނަމުން އެނދުގެ އެއްކަނަކަށް ގުޅައަކަށް ޖެހިގަތެވެ.

[ދަރިފުޅާ ބިރުނުގަނެބަލަ....މިއީ ބައްޕައޭ.....] ޙުސްނީ އެނދާ ކައިރިވިވަރަކަށް ޒައިހާގެ ބިރުވެރިކަން ބޮޑުވެ، އެނދުގެ ބިއްދޮށަށް ޖެހެން ފަށައިފިއެވެ.

[ނޫން...މިތަނުން ނުކުމޭ....މަންމާ އަހަރެން ސަލާމަތްކުރޭ....ޒައިހާ ބިރުން ތުރުތުރުލާ ހާލުގައި މަންމައަށް ގޮވަން ފެށިއެވެ. އޭރު ޙުސްނީ ހުރީ ދަރިފުޅުގެ ހާލާމެދު ނިކަން ދެރަވެ ފެންކަޅިވެފައެވެ. ޒައިހާގެ އަޑަށް އިސާހިތު ބަދުރިއްޔާވެސް ކުރަންހުރި މަސައްކަތްތައް ހުއްޓާލުމަށްފަހު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

ބަދުރިއްޔާ ވަނުމާއެކު، ޒައިހާ ދުވެފައި އައިސް މަންމަގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ. ބާރުބާރަށް ރޮއިގަންނަމުންނެވެ.

[ޙުސްނީ ކިހިނެއްވީ؟.....] ބަދުރިއްޔާ ސުވާލުކުރީ ޙުސްނީއާއެވެ. ޙުސްނީ ވީގޮތް ކިޔައިދީނީމާ، ބަދުރިއްޔާ ދެން މަސައްކަތްކުރީ ޒައިހާއަށް ވިސްނައިދެވޭތޯއެވެ.

[ދަރިފުޅާ އެއީ ބައްޕައޭ.....] އޭރުވެސް ޒައިހާއަށް ރޮވެނީއެވެ. އެވަގުތު ޙަޤީޤަތް ހާމަކުރަން ޒައިހާގެ ދޫ ޙަރަކާތްކޮށްލިއެވެ.

[ބައްޕައެއް ކަމަކު.....] ނަމަވެސް ކޮށިއެރިއެވެ. އޭނާގެ ހިތްވަރު ހުސްވީކަހަލައެވެ.

[އެއްޗެއް ނުކައި އޮތީމާ ބޮލަށް އެނބުރުންވެސް އަރާނެ...ބަދުރިއްޔާ ގޮސް ތިމަންޖެއަށް ކޮންމެވެސް އެއްޗެއް ކާންދީބަލަ....ހިތްވަރު ކުރަންވާނެ ދަރިފުޅާ.....] ޙުސްނީ މިހެން ބުނީމާ ޒައިހާ ޙުސްނީއާ ދިމާއަށް ބަލައިލިއެވެ.

[އަހަންނަށް ހިތްވަރުދޭނެ ކަމެއް ނެތް...މަންމާ...މަންމާ....] ޒައިހާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ނަމަވެސް އޭރު ބަދުރިއްޔާ ހުރީ ޒައިހާގެ ގައިގައި ހިފަހައްޓައިގެންކަމުން، އޭނާ ވެއްޓުމުގެ ކުރިން ބަދުރިއްޔާ ޒައިހާ އެނދުގައި ބާއްވާލިއެވެ.

ބަދުރިއްޔާ ގާތު މަޑުކުރާށޭ ބުނެފައި، ލުނބޯ ފަނިތަށްޓެއް ގިރައިގެން ގެނެސް ދިނީ ޙުސްނީއެވެ.

ބަދުރިއްޔާ، އޭނާގެ އަތްދަނޑިމައްޗަށް ޒައިހާ ނަގާ، ފަނިތަށި ތުނބުގައި ޖައްސާލިއެވެ. ކުޑަކުޑަ ކޯވަރެއް އެތެރެވީތަނާހެން ޒައިހާއަށް ހޮޑުލެވުނެވެ. ބަދުރިއްޔާއާއި ޙުސްނީ އިތުރަށް ހާސްވީ ދެނެވެ. ބަދުރިއްޔާއަށް ރޮއިގަނެވުނެވެ. ދެރަވިޔަސް ހުސްނީ ހިތްވަރުކޮށް، ބަދުރިއްޔާގެ ދެމައިންނަށް ހިތްވަރުދޭން ފަށައިފިއެވެ.

[ދެރަނުވޭ...ބަދުރިއްޔާ އެއީ އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުރީމާ އަނބުރައިގަތީ......އަވަހަށް ރަނގަޅު ކާއެއްޗެއް ދެވޭތޯ ބަލާ....] މިހެން ބުނެލާފައި ޙުސްނީ ހިނގައިގެންފިއެވެ.

ޒައިހާއަށް ދޭން ކޮންމެވެސް އެއްޗެއް ގަންނަން ފިހާރައަށް ދިޔުމަށެވެ. އޭނާ މަގަށް ނުކުތް ވަގުތަކީ، މުއީޒް އެގޭ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. ޙުސްނީ މުއީޒާ ދިމާއަށް ބަލާލުމަށްފަހު، ރުޅިވެރި ގޮތަކަށް ކަޅިއަޅާލުމަށްފަހު ހިނގައިގަތެވެ. މުއީޒް ވިހަގޮތަކަށް ހީލުމަށްފަހު، ޙުސްނީގެ ފަހަތުން ހިނގައިގަތެވެ. ނުރައްކާތެރި އިންޒާރެއް ދެމުންނެވެ.

ފަސްއެނބުރިބަލާވެސް ނުލައިގޮސް ޙުސްނީ ވަނީ އެގެޔާ ވިއްސަކަށް ފޫޓް ދުރުގައި ހުންނަ ފިހާރައަކަށެވެ. މުއީޒް އެފިހާރަ ހުރަސްކޮށް ދިޔައީއެވެ.

ގޭތެރޭގެ މަސައްކަތްތައް އަވަސް ގޮތެއްގައި ނިންމާލުމަށްފަހު، މިރުޒާ ޒައިހާ ގާތަށް، އެގެއަށް އައީ ބަދުރިއްޔާ ޒައިހާ ފެންވަރުވައިގެން ނަލަކުރަން ހުއްޓައެވެ.

[ޒައިހާ....އަދި ކިރިޔާ އަހަންނަށް ގޭތެރޭ މަސައްކަތް ނިންމާލެވުނީ...ދެން ބުނެބަލަ، އެމީހަކީ ކާކުތަ؟ ޒައި ބުނީމެއްނު، އެއީ ކާކުކަން އެނގިއްޖެޔޭ.....] މިރްޒާ އައިގޮތަށް އައިސް ޒައިހާގެ ގާތުގައި އިށީނދެއްޖެއެވެ. ޒައިހާ ބަލައިލީ މަންމަގެ މޫނަށެވެ.

[މާގިނަ ދުވަހެއްނުވެ އެއީ ކާކުކަން އެންމެންނަށްވެސް އެނގިދާނެ....] ޒައިހާ ރަޙްމަތްތެރިޔާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެވަގުތު މަންމައާއި ރަޙްމަތްތެރިޔާއަށް ޙަޤީޤަތް ކިޔައިދީފާނަމޭވެސް އޭނާގެ ހިތަށްއަރަމުން ދިޔައެވެ.

[ދަރިފުޅަށް އެނގޭތަ އެއީ ކާކުކަން؟] މިރުޒާގެ ވާހަކައިން ބަދުރިއްޔާއަށް ސިހުން ލިބުނު ކަހަލައެވެ. ޒައިހާގެ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި އިސްޖަހާލީ، ދެލޮލަށް ކަރުނަ ގިނަވާން ފެށުމުންނެވެ.

[ކާކު؟ އަވަހަށް މަންމަގާތު ބުނޭ.] ބަދުރިއްޔާ ޒައިހާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޙުސްނީ ފުރުޓް ކޮތަޅެއް ހިފައިގެން އައިސްވަނީ ޒައިހާ އެވާހަކަ ބުނަން ދޫ ޙަރަކާތްކޮށްލިތަނާއެވެ. ނަމަވެސް، ޙުސްނީ ފެނުމާއެކު ޒައިހާގެ ދޫ ތަޅުލެވުނުކަހަލައެވެ. ޙުސްނީގެ މޫނުމަތިން ފެނުނު އޯގާވެރި އަސަރުން އޭނާ ފަސްޖެހުނީއެވެ.

ޙަޤީޤަތުގައިވެސް ޙުސްނީގެ މޫނުމަތިން ފާޅުވެ ފެންނަމުންދަނީ ބައްޕައެއްގެ އޯގާވެރި އިޙްސާސްތަކެކެވެ. ރޭވިލޭރޭތަކުގައި އެހުންނަ ޝަހުވަތުގެ އަސަރެއް މިހާރަކު އޭނާގެ މޫނުމައްޗަކުން އެއްވެސްވަރަކަށް ފެންނާކަށް ނެތްކަހަލައެވެ.

[ބަދުރިއްޔާ މި މަންޖެއަށް މި އެއްޗެހި ކާންދީބަލަ. އޮއްޓަރު ހުރި އެއްޗެއް ނުކަންޏާ، ގައިގާ ވަރެއްވެސް ނުހުންނާނެއެއްނު.] ޙުސްނީ މިހެން ބުނެފައި އަތުގައި އޮތް ފުރުޓްކޮތަޅު ބަދުރިއްޔާ އަތަށް ދީފިއެވެ. އޭރު ޒައިހާގެ ހިތަށްއެރިއެވެ.

[ބޭރުފުށަށް ކިހާ އޯގާތެރިހެއްޔެވެ. ރޭގަނޑު ހިންގާ މުޑުދާރު ޢަމަލުތަކުގެ ކުޑަވެސް އަސަރެއް އެ މޫނުމައްޗަކު ނެތެވެ.

[ދަރިފުޅާ...ދެން އެމީހަކަށް ވަންނާކަށް ލާހިކެއް ނޫން...ދެން ކޮންމެ ރެޔަކު ދަރިފުޅުގެ މަންމަވެސް ދަރިފުޅު ގާތުގައި އޮންނާނެ....ދޯ ބަދުރިއްޔާ....] ޙުސްނީ ޒައިހާއާ ވާހަކަ ދައްކަމުން ބަދުރިއްޔާއަށް ދޯދިނެވެ.

[ޙުސްނީ މިމަންޖެއަށް އެއީ ކާކުކަން އެނގެޔޯ....އަހަންނަކަށް ނޭނގެ، ނުބުނަން އުޅެނީ ކީއްވެގެން ކަމެއް...] ބަދުރިއްޔާ ބުންޏެވެ.

[އާނ...އެނގެޔޭ....ދަރިފުޅާ އަވަހަށް ބުނޭ....ފަސްޖެހޭނެ ކަމެއްނެތް...ބުނޭ...ކާކުތަ އެއީ...؟] ހުސްނީ ލޭކެކިގަތެވެ. އެހިނދު ބައްޕަގެ ޖެހިލުންކުޑަކަމާހުރެ ޒައިހާ އިނީ ކޮސްވެފައެވެ. ވުމާއެކު...އޭނާއަށް އެވާހަކަ ބުނުމުގައި ކުޑަވެސް ހިތްވަރެއް ނުލިބުނެވެ.

[މަންމާ....މިވަގުތު އަހަރެން ބޭނުމީ، އެކަނި މިތާ އޮވެ އަރާމުކޮށްލަން....] ޒައިހާ ރޮއިގަންނަމުން އެނދުގައި އޮށޯވެލިއެވެ. އޭރު އިރުވެސް އޮއްސިއްޖެއެވެ. ވުމާއެކު، ދަނީއޭ ބުނެފައި މިރުޒާވެސް ގެޔަށް ހިނގައްޖެއެވެ. ބަދުރިއްޔާާއާއި ޙުސްނީވެސް ޒައިހާގެ އެދުމުގެ މަތިން ކޮޓަރިން ނުކުތީ ޒައިހާ ހަމައަކަށް އެޅުނީމާ، އެވާހަކަ ދައްކަން ޤަޞްދުކޮށްގެންނެވެ. ޙުސްނީ ބަދުރިއްޔާއަށް ލަފާދިނީ އެރޭ ނިދަން ޒައިހާގެ ކޮޓަރިއަށް ގޮސް ޒައިހާއަށް ވިސްނައިދީގެން އެއީ ކާކުތޯ އޮޅުންފިލުވުމަށެވެ.

އެރޭގެ ދަންވަރެވެ. ބަދުރިއްޔާ ޒައިހާގެ ކޮޓަރީގައި ޒައިހާ ގާތުގައި ނިދަން އޮށޯތީ ތަކުރާރުކޮށް އެތައްފަހަރަކު އަހާއަހާވެސް ޒައިހާ އެއީ ކާކުކަން ބުނަން ޢުޒުރުވެރިވުމުންނެވެ. ޒައިހާ ބުނީ އެމީހަކު މިރޭ މަންމައަށް ފެނިދާނެ ކަމަށާއި، މަންމަ އިންތިޒާރު ކުރުމަށާއި، އެމީހެއްގެ ވާހަކަ ބުނުމަށް އޭނާއަށް ހިތްވަރެއް ނެތް ކަމަށެވެ.

އެހެން ރޭރެއެކޭ އެއްފަދައިން އެރޭވެސް ޒައިހާއަށް ނިދުނުވަގުތު ކޮޓަރިތެރެއަށް މީހަކު ފާޅުވެއްޖެއެވެ. އޭރު އެކަމަށް ފާރައަށް އޮންނާނަމޭ ހިތާ ލޯމަރާލައިގެން އޮތް ބަދުރިއްޔާއަށްވެސް އޮތީ އަރާމު ނިންޖަކުން ނިދިފައެވެ. ކާކުގެ ނަޞީބެއް ކަމެއް ނޭނގެއެވެ.

އެހެން ރޭރެއާ ޚިލާފަށް ޒައިހާގެ ގައިގައި އެމީހަކު ހަމަ ބީހިލުމާއެކު ޒައިހާ ފުންމައިގެން ތެދުވެ ހަޅޭއްލަވައިގެންފިއެވެ. އަނެއް އަތުން ލައިޓްވެސް ދިއްލަމުންނެވެ. ޒައިހާގެ ހަޅޭކުގެ އަޑަށް ބަދުރިއްޔާވެސް އިސާހިތު ފުންމައިގެން ތެދުވެއްޖެއެވެ. އޭރު އެމީހަކު ހުރީ ޒައިހާމެންނަށް ފުރަގަސްވާގޮތަށެވެ.

[ކާކު...ޙަޔާތްކުޑަ.....] ބަދުރިއްޔާ ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ. ޖެހިގެން ހުރި ކޮޓަރީގައި އޮތް ޙުސްނީ ހޭލައްވާނަމޭހިތައެވެ. އެވަގުތު އެމީހާ ޒައިހާމެނާ ދިމާއަށް އެނބުރުނެވެ. އެޔާއެކު ބަދުރިއްޔާ ދެލޯބޮޑުވިއެވެ. ކުރިމަތީގައި ހުރީ ޙުސްނީއެވެ.

[ޙުސްނީ ކަލޭ!؟] ބަދުރިއްޔާއަށް ހީވީ އޭނައާއެކު މުޅި ދުނިޔެވެސް އެނބުރިގަތްހެންނެވެ. އެވަގުތު ނިކަން ބާރު ހިނގުމެއްގައި އައިސް މީހަކު ކޮޓަރި ދޮރު ހުޅުވާލިއެވެ. ނިކަން ބާރަށެވެ. އިސާހިތަކު އެމީހަކު ނިކަން ބާރަށް އެތެރެއަށްވެސް ވަދެއްޖެއެވެ. އެއީވެސް ޙުސްނީއެވެ.....

ބަދުރިއްޔާއާއި ޒައިހާއަށް ދެލޯބޮޑުކޮށް ގަބުއަރާފައި ތިބެވުނީއެވެ.

(ނިމުނީ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން