ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައިވަނިކޮށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މިނިސްޓްރީއިން ދެކޭކަމަށް ބަޔާނުގައިވެއެވެ. އަދި އެއީ، އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައި ދެކޭކަމަށްވެސް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.





ފޮރިން މިނިސްޓްރީން ބުނީ ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ވީމާ، އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.

ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި އިންޑިއާ ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށާއި އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތްތަކަށްވެސް އުނދަގޫވާކަމަށެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ހައިކޮމިޝަނުން އެދިފައިވެއެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި އަޑުއުފުލުން އިތުރުވެފައިވަނީ މިސަރުކާރާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަމަށް ބުނެއެވެ. އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ކުޑަ ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމާއި ދުއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ލލ

09-Jul-2021

ބޭރުމީހުން ކޮންޓުރޯލް ކުރާ ހާރިޖީ ސިޔާސަތު ދިވެހިން ބޭނުމެއް ނުވޭ !



ޓްރެންޑިން