ބައެއް ބަސްތަކުގެ މާނައަކީ، ބައެއް ބޭފުޅުންނަށް، އަހަރުން އަހަރަށް އޮޅޭ އެއްޗަކަށް ވެއްޖެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ އަވަށްޓެރި އިންޑިއާއާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި، އަދި ބޭއަަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައީސް ނަޝީދުގެ އެވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ނަޝީދު ފަދަ ބޭފުޅުންނަށް ހޭޓް ސްޕީޗް، ފިތުނަ، ޑިޕްލޮމެސީ، ބައިނަލް އަގުވާމީ ޤާނޫނު، ހަރުކަށި ފިކުރުފަދަ ބަސްބަހުގެ މާނަ މިއީ އަހަރުން އަރަށް ބަދަލުވާ އެއްޗަކަށް ވެފައިވާކަމަށެވެ. އެކި އަހަރު އެކި ގޮތަށް އެބަސްބަހުގެ މާނަކުރެވޭ ކަމުގައިވާނަމަ، އެމްޑީޕީން ގެނެސްދޭން އުޅޭ އިންސާފުގެ ދަތުރު އޮންނާނީ ކިހިނެއްކަން ރައްޔިތުން ވިސްނާލުން ރަނގަޅުކަމަށް ސައީދު ވިދާޅުވިއެވެ.





"ހޭޓް ސްޕީޗް، ފިތުނަ، ޑިޕްލޮމެސީ، ބައިނަލް އަގުވާމީ ޤާނޫނު، ހަރުކަށި ފިކުރުފަދަ ބަސްބަހުގެ މާނަ މިއީ އަހަރުން އަރަށް ބަދަލުވާ އެއްޗަކަށް މިވަނީވެފަ! މިއީ ބައެއް ފަރާތްތަކަށް ޤާނޫނާއި އިންސާފު މާނަކުރެވޭ ގޮތް! ދެން އިންސާފުގެ ދަތުރަށް ވާނެ ގޮތް ވިސްނަވާ!" ސައީދު ވިދާޅުވިއެވެ.

އިންޑިއާގެ ސަފީރާއި، ފަސްޓް ސެކެޓްރީއާއި ގުޅޭގޮތުން ބޭއަދަބީ ވާހަކަ ދައްކާތީ، ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންގެ ގަދަރާއި ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބި، އެބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާކާފަދަ ވާހަކަތައް ބައެއް މީޑިއާތަކުން ދައްކަމުންދާތީ އެފަދަ މީޑިއާ ތަކަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެކަމަށް އިޝާރަތް ކުރައްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ބޭރުގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި، އެކި ޑިޕްލޮމެޓުންނަކީ އިހުތިރާމް ލިބިގެންވާ ބަޔަކަށް ވާންޖެހޭކަމަށެވެ. އެމީހުންނާއި ގުޅޭގޮތުން ވާހަކަތައް ދައްކާއިރު، ވާހަކަ ހުންނަންޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން މިއަދު ވާހަކަފުޅު ދެއްކެވި ނަމަވެސް ރައީސް ޔާމިންގެ ވެެރިކަމުގައި ބޭރުގެ ސަފީރުންނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ސިޔާސީ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާއި ޗައިނާ ސަރުކާރަށް ނިސްބަތް ކުރަށްވައި ރައީސް ނަޝީދު އެކި ފަހަރުމަތިން ވަނީ ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީނުގެ ރަނިން މޭޓަކަށް ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ހަމަޖެއްސުމުން ސަޢޫދީ ޢަރަބިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެއިރު ރާއްޖެއަށް ސައޫދީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޝަހީމަށް މަރުހަބާ ވިދާޅުވުމުން ސަޢޫދީން ރާއްޖޭގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ދިން އެހީއަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި ޗައިނާއިން ލޯނުދީ އޭގެ ބަދަލުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކެއް އަތުލާފައިވާ ކަމަށް ވިދާޅުވެ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރައީސް ނަޝީދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި މުނާސަބަތު ތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިފަދަ މައްސަލަ ތަކުގައި ރައީސް ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ނުކުރެވޭ ހަފުތާއެއް މަދުކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން