ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަން: އެތަނުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައި
ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަން: އެތަނުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައި
އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމަށާއި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރާއެކު އެ ދެ ތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ އޮންލައިން ނޫހަކުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން މިނިސްޓްރީގައި އެދިފައިވާ ކަަމަށެވެ. އަދި އެ އެދުމުގެ މަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.



ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގެ މީޑިޔާތަކަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން