މާލޭސިޓީގެ ޢިއްޒަތްތެރި މެންބަރުންނަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑު ގަބޫލުކޮށްގެން ހުރީ އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން ރައްޔިޔުންގެ މަޖިލީހަށް ވެންނެވީ ވަކި ދާއިރާތަކުން ކަމުގައި ވީނަމަވެސް އެ މެންބަރުން ވިސްނުން ބަހައްޓަވާނީ މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ފައިދާއަށް އިސްކަންދޭ މިސްރާބުން ކައްސާނުލާނެ ގޮތަކަށް ކަމަށެވެ. ނަމަވެސް މިއަދު ކޮންމެ މެންބަރަކުވެސް މިފެންނަނީ ވަކިވަކި ރަށެއްގެ ގޮތުގައެވެ. ވަކިން އުޅޭ ވަކި މުޖުތަމަޢުތަކެއް ތަމްސީލު ކުރައްވާ ގޮތަށެވެ.

އަޅުގަނޑަކީ މާލޭގެ ރަށްވެއްސެކެވެ. އެހެންކަމުން އެބޭފުޅުން ގެންގުޅުއްވާ މިދެންނެވި ކޮށި ވިސްނުންފުޅުގެ ތެރެއިން އަޅުގަނޑުވެސް މިފަހަރު މި ވާހަކަ މި ދަންނަވަނީ ނޫނީ އަރިސް ކޮށްލަނީ އަޅުގަނޑުގެ ދާއިރާގެ ތެރެއިން ހޮވިވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންނަށް ނިސްބަތްކޮށެވެ.

މާލޭސިޓީން ހޮވިވަޑައިގެން ހުރިހާ ބޭފުޅުން މިވާހަކަ އަޑުއައްސަވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަމެވެ. އަދި އުއްމީދު ކުރަނީއެކަންޏެއް ނޫނެވެ. މިކަމާއިމެދު ވަރަށް އަވަހަށް ގޮތްތަކެއް ނިންމަވައި ދެއްވާނެ ކަމަށް ވެސް އުއްމީދު ކުރަމެވެ.

ކޯވިޑް އޮނަވިހީގެ ރޯގާބަލިމަޑުކަމަކީ މުޅި ގައުމަށް އައި ބަލިމަޑުކަމެކެވެ. މި ދަތި އުނދަގުލުގެ އަސަރު ނުކުރާ ހަމަ އެއްވެސް ރައްޔިތަކު ނެތެވެ. މިއަކު މާލޭމީހެއް ރާއްޖެތެރޭގެ މީހެއް އަދި ބަންގާޅު މީހެއް ނުވަތަ އިންޑިއާ މީހަކު ވަކި ތަފާތެއް ނެތެވެ.

މާލޭ މީހުންނާ ރާއްޖެތެރޭ މީހުން، މިއީ އަޅުގަނޑު ހަމަ އެއްވެސް ތަފާތެއް ކުރާ ބައެއް ނޫނެވެ. އަޅުގަނޑު މިވާހަކަ މިދަންނަވަނީވެސް އެވިސްނުމަކު ނޫނެވެ. އެކަމަކު މިއަދު އެތަފާތުގެ އަޑު އެބައިވެއެވެ. އެއީ ވަރަށް ހިތާމަހުރި ކަމެކެވެ.

މި ރޯގާބަލިމަޑުކަމެއް އަޅުގަނޑުމެންގެ ގައުމަށް އައީވެސް އެބަހުސެއްގައި ތިއްބައެވެ. ދެން އެދޭތެރެއަށް މިވަންނަނީ މާލޭމީހުން ބޮޑުއަގުގައި ތަންތަން ކުއްޔަށް ދީގެން ރާއްޖެތެރޭ މީހުން ފެލައިގެން ދިރިއުޅޭ ވާހަކައެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަހުސްގެ ތެރެއަށް ވެންނެވުމަކީ މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ އެއް ސަބަބެވެ.

އަޅުގަނޑު މިއުޅެނީ މި ބަހުސްގެ ތެރެއަށް ވަންނާކަށް ނޫނެވެ. އެކަމަކު މިއަދު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މާލޭގައި ކުއްޔަށް ދީފައި ހުރި ގެދޮރުގެ ކުލި ކުޑަކުރާ ވާހަކައާއި ކުލި ނުދައްކާ ވާހަކައެވެ.

ކުލި ނުދެއްކިޔަސް ގެއިން ނުނެރެން ވެސް ސަރުކާރުގެ ބޭބޭ ފުޅުންނާއި މެންބަރުން އެބަ ވިދާޅުވެއެވެ. އެއީ ހަމަ ވަރަށް ރަނގަޅު ގޮތެކެވެ. ކުލި ނުދައްކާ ވަންޏާ އެއްވެސް ބޭފުޅަކު ކުލި ދައްކާނެ ކަމެއް ހަމަ ނެތެވެ. އެކަން ހިގާން ވާނީވެސް އަދި އެކަން ހިނގާނީވެސް އެހެންނެވެ.

އަޅުގަނޑުވެސް މީ އަޅުގަނޑަށް މައިންބައިފައިންގެ ގެއިން ލިބުނު ތަންކޮޅު ހެދުނު ގޮތަކަށް ހަދައިގެން އެތަންކޮޅުން އެއްބައި ކުއްޔަށް ދީގެން އުޅޭ އަންހެނެކެވެ. ދެކުދިންގެ މަންމައެކެވެ. ބާރަ ވަރަކަށް އަހަރު ވާންދެން އިނދެގެން އުޅުނު މީހާ ވެސް މިހާރު ސިފަ ހުތުރުވެ މުސްކުޅިވެގެން ދޫކޮށްލާފައި ހިނގައްޖެއެވެ. ދެން ވަޒީފާއިން ކެނޑިގެން ދެދަރިން ބަލަން ހުރުން ނޫން ގޮތެއް ނެތުނީއެވެ.

މާމޮޅަށް ކިޔެވިފައި ވެސް ނެތީމާ، މާސްޓާސްއާއި ޑިގްރީތައް ނެތީމާ މިހާރަކު ދެން ކިތަންމެ ތަޖުރިބާއެއް ހުއްޓަސް ޝަރުތެއް ވެސް ހަމައެއް ނުވެއެވެ. ބަލާލަން ހުތުރު ވީމާ އަމިއްލަ ތަނަކަށް ފޮޓޯއާއެކު ވަނަވަރު ފޮނުވީމާ އިންޓަރވިއުއަށް ވެސް ޝޯޓްލިސްޓް ނުވެއެވެ. ދެން އެހެން ނޫނަސް ދަރިން މަގުމައްޗަށް ދޫކޮށްލާފައި ހަތަރުދަމު ވަޒީފާއަށް ގޮސް އުޅެވޭ ވަރަށްވުރެ މި މާލޭގެ މާހައުލު މިއޮތީ މާބޮޑަށް ނުބައި ނުލަފާ ވެފައެވެ. ކުދިން އެކަނި ވެއްޖެއްޔާ ވަށައިގެން އުޅެނީ ނުބައި ވަސްވާސްދޭ އިބިލީސް ތަކެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ދަރިން ބަނޑުފުރާނެ މުއްތި ކުރަނީ މިދެންނެވި އަޅުގަނޑު ކުއްޔަށް ދީފައި ހުންނަ ތަންކޮޅުން ލިބޭ ކުލިންނެވެ. އެވާހަކަ ބުނާކަށް އަޅުގަނޑު ލަދެއް ނުގަނެއެވެ. އަދި މިދަތިގަނޑު އަންނަ އިރަށް އެމީހުން ނުބުނަނީސް އަޅުގަނޑު ހަމަ ބޮޑު އެއްޗެއް ކުލިން ކަނޑާދިނީ އެމީހުން ބުނެގެނެއްވެސް ނޫނެވެ. އެއީވެސް އަޅުގަނޑުގެ އަޚުންނާއި އުޚުތުން ކަމަށްވާތީ އެމީހުންނަށް ވާނެ ދަތީގެ އެއްބައިގައި ހިފުމުގެ ނިޔަތުގައެވެ.

ދެން މިހާރު މިވީ ގޮތަކީ ސަރުކާރުން، މަބްރޫކްމެން ފަދަ ބޭފުޅުން ޓީވީތަކަށް އަރާތިބެ ގޮވަމުން މިދަނީ ކުލި ނުދެއްކިޔައް ނުނެރޭށޭ، މިހާލަތުގައި ކުއްޔެއް ނުދެއްކޭނެއޭ އެވެ. ދެން އެވެރިންވެސް މިއަޑު އަހައިގެން ކުލި ނުދެއްކީއެވެ. އަޅުގަނޑަކަށް އެވާހަކަ އަހާލާކަށް ވެސް ނުކެރެއެވެ. އެހެނީ މިހާރު މަޖިލިސް މެންބަރުން އެމައްސަލަ މަޖިލީހަށް ލައިގެން ހަލުވަން ފެށީމާ ދެން ގަބޫލުކުރެވެނީ އެއޮތީ އެގޮތަށް އެކަން ނިމިފައި ކަމަށެވެ.

ދެން މިވީ ވަރަށް ދެރަ ގޮތެކެވެ. މިހާރު އެމީހުން ކުލި ދައްކާކަށް ނުޖެހެއެވެ. ކުލި ނުދެއްކިޔަސް ހެދޭނެވެސް ގޮތެއް ނެތެވެ. ކުލި ނުދައްކައި ކިތަންމެ ދުވަހަކު ތިއްބަސް ނުކުންނާށޭ ބުނެވޭކަށްވެސް ނެތެވެ. މީގެ ބަދަލުގައި އަޅުގަނޑަށް އެއްޗެއް ލިބޭނެ ގޮތެއްވެސް ނެތެވެ. ހޯދޭނެ ގޮތެއްވެސް ނެތެވެ. ހޯދަން ދާނެ ތަނެއްވެސް މަބްރޫކްމެން ވިދާޅެއް ނުވެސް ދެއްވައެވެ.

ދެން އޮތް ގޮތަކީ އަޅުގަނޑު ގޮސް ގޭކައިރީގައި އެހެރަ ކަންމަތީ ފިހާރައަށް ވަދެ ކޮތަޅު ފުރައި އެއްޗެހި ނަގައިގެން ނުކުމެގެން އައުމެވެ. ލާރިދައްކާށޭ ބުނީމާ އަޅުގަނޑު ބުނަން ޖެހޭނީ މަބްރޫކްމެން ފައިސާ ދައްކާނެއޭ އެވެ. އެކަމަކު ސުވާލަކީ އެހެން ބުނެފައި އަޅުގަނޑަށް އެތިކޮޅު ހިފައިގެން ގެއަށްދެވޭނެ ކަމާމެދު އުފެދޭ ސުވާލެވެ.

އަޅުގަނޑު ހިތުން ކުރިން މިދެންނެވިހެން މެންބަރު އަލީ ހުސައިން އެދައްކަވަނީ އަލީ ހުސައިންގެ ދާއިރާގެ ރައްޔިތުންނަށް ރަނގަޅު ގޮތުގެ ވާހަކައެވެ. ޖީހާން އެދައްކަވަނީ ޖީހާންގެ ދާއިރާގެ ރައްޔިތުންނަށް ރަނގަޅު ގޮތުގެ ވާހަކައެވެ. މިހެން މިކަން އޮތް އިރު އަޅުގަނޑުމެންގެ މެންބަރުން މަޖިލީހުގައި ކިތަންމެ ގިނަޔަކަސް އަޅުގަނޑުމެންގެ ވާހަކަ ދައްކަވާނެ މެންބަރަކު ނެތެވެ.

ރައީސް ނަޝީދަކީ އަޅުގަނޑުމެންނާމެދު އެންމެ ބޮޑަށް ވިސްނަވާ ފިކުރު ހިންގަވާން އިންނެވި އަޅުގަނޑުމެންގެ މެންބަރެވެ. އެބޭފުޅާވެސް މިވާހަކައެއް، މިކަމުގެ ހައްލެއް ހޯއްދަވައި ދެއްވާކަށް ނޫޅުއްވައެވެ. ހަސަން ލަތީފު އެއީ ވެސް ހަމަ ހަތަރުކަށިމަތި މާލޭ ބޭފުޅެކެވެ. އެކަމަކު ހަމަ މިކަމުގައި އަޅުގަނޑުމެންނަށް ފައިދާއެއް ވާގޮތަށް ނޫނަސް މިކަމަށް ރަނގަޅު ހައްލެއް ލިބޭ ގޮތަށް އެއްވެސް ބަސްފުޅެއް ވިދާޅުވާތީ އަޑެއް ނާހަމެވެ. ދެން ވާހަކަ ދިގުކުރާކަން މިހެން ކިޔާނެ ކަމެއް ނެތެވެ. މިވާހަކަ އެއްކޮޅަށް ދައްކާލާފައި މުޅި މަންޒަރު ބަދަލުކޮށްލައްވާފައި ހިހޫތަނުގައި އިށީނދެލައިގެން މިވާހަކަ ދެއްކެވި ބޭފުޅުން އެތިއްބެވީއެވެ. ހައްލެއް ހޯއްދަވައެއް ނުދެއްވައެވެ.

އެހެން ނުހައްދަވާށެވެ. އެބޭފުޅުން ކުލި ނުދައްކަވައި އެތިއްބެވީ ތިޔަބޭފުޅުން ވިދާޅުވެގެންނެވެ. އެހެންވިއްޔާ މީގެ އަނެއް ކޮޅުވެސް ތިޔަބޭފުޅުން ދައްކަވަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ މިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ އުއްމީދުގައި އަޅުގަނޑުގެ މެންބަރުންނަށް މިވާހަކަ ދަންނަވާލީއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޭހުމަދު

08-May-2020

ތީ ވަރަށް ރަނގަޅު ވާހަކައެެއް.



ޓްރެންޑިން