ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޙަމަލާގެ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި އައްބާސް ފާއިޒް މާލެ ވަޑައިގެންފިއެވެ.

މިސްޓަރ ފާއިޒް އިއްޔެ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށް ރައީސް އޮފީހުން އޭނާގެ ތައާރަފުގައި ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަންކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ފާއިޒަކި އޭނާ މަގާމުގައި ހުންނެވިއިރު ވަކިބަޔަކަށް ފަހިވާ ގޮތަށް ރާއްޖޭގެ މައްސަލަ ތަކުގައި ސިޔާސީ ބަޔާންތައް ނެރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހަސަން މުހައްމަދު

09-Jul-2021

ރައީސު ބޮންގޮއްވި މައްސަލަ މުހިމްމު ކަމެއްގެ ގޮތުގައެއް ނުނަންގަވާ 😅 ތަހުޤީގު ކުރިއަށްދާގޮތްބަލަން އެއްމެ މީހަކު ކަމަކު ނުދޭ 😃 މަދުވެގެން ދިހަ މީހުން 😅



ޓްރެންޑިން