ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ޤާނޫނީ ވަކީލުން ހަމަޖެއްސީ ކޮންބައެއްތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ސުވާލުތަކެއް ކުރައްވައިފިއެެވެ.

ސޯޝަލް މީޑިއާގައި ޚަބަރުތައް ފެތުރޭގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމަށް ބަޔަކު ވަނީ އަމިއްލައަށް އިސް ނަގާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމަވެފައެއް ނެތެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު، ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ހަަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށް ވަކީލުން ހަމަޖެއްސީ ކޮން ބައެއްކަން ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށްވެސް ނޭނގޭކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާތަކަށްވެސް އެކަން ނޭނގޭކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމްގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ޤާނޫނީ ވަކީލުން ހަމަޖައްސައިދިނީ ކޮންބައެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި އެކަމަށް ބަޔަކު ޚަރަދު ނުކުރާނަމަ އެއީ އަދި މާ ބިރުވެރިކަމެއްގެ ގޮތުގައި އީވާ ސިފަ ކުރެއްވިއެވެ. އީވާ ވިދާޅުވީ ބަޔަކު އެކަމަށް ފަންޑު ނުކުރާނަމަ، މިއީ ވިސްނުމުގެ ގޮތުން ގުޅިފައި ތިބި ބައެއްކަމާއި މެދު ޝައްކުކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި 5 މީހަކު މީހާތަނަށް ހައްޔަރުކޮށްފައިވާއިރު، އެމައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ހަމަލާއާ ގުޅޭގޮތުން ދައްކާ ތަފާތު ވާހަކަތަކުގެ ތެދު ދޮގު އޮތީ އަދި ނޭގުމެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަސާސީ

09-Jul-2021

އެހެންވީމާ އަފްރާޝީމްގެ މަރުގެ މައްސަލައިގައި ދިފާއީ ވަކީލުކަން ކުރިމީހާއާމެދުވެސް ސުވާލު އުފެދޭ!!! އަސާސީ ހައްޤުގެ މައްޗަށް ސީލެވުނީ



ޓްރެންޑިން