ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ

ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގާނޫނީ ވަކީލެއް ކަމަށްވާ އަލީ ހުސެއިން ވިދާޅުވީ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށެވެ. އަދި އެބާރު އިމުގެ ތެރޭގައި ބޭނުން ކުރާ ހިނދަކު އެއްވެސް މީހަކަށް ފިޔަވަޅުއަޅައި އަދަބު ދެވިގެން ނުވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. މީގެއިތުރުން ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައި ނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީ އެ އިޝާރަތްކުރެއްވީ ޝޯޝަލް މީޑިޔާގައި ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ގައުމީ ޔުނިވަސިޓީގެ އެސިސެންޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު އިޔާޒު ވަޒީފާއިން ވަކިކުރުމަށް ގައުމީ ޔުނިވަސިޓީން ދާދިފަހުން ނިއްމި ނިއްމުމަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން 27 ވަނަ މާއްދާގެ އިމުގެ ތެރޭގައި ބޭނުންކޮށްގެން އެއްވެސް މީހަކަށް އަދަބުދީ ފިޔަވަޅު އަޅައިގެން ނުވާނެ. ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައެއް ނުގަނެވޭނެ." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، ޤައުމީ ޔުނިވާރސިޓީން ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފާމެދު އެޅިފިޔަވަޅަކީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ނިސްބަތްވާ އަދާލާތު ޕާޓީން ވެސް ވަނީ ބުނެފައެވެ.

"މިކަމުން ދޭހަކޮށްދެނީ ގައުމީ ޔުނިވަސިޓީ އަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރެވެ. މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތު ކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާއި ދާއިރާތަކުން އިސްލާމްދީނުގެ އިލްމްވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެކެވެެ." އަދާލަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒު ވަޒީފާ އިން ވަކިކޮށްފައިވަނީ މީސްމީޑިއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީން އޭނާއަށް އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތާއި އިންޒާރު ދީފައިވަނިކޮށް، އަންހެނުން ޚިތާނު ކުރުމަށް ހިތްވަރު ލިބޭގޮތަށް އޭނާ ވާހަކަ ދެއްކެވި ކަމަށްބުނާ މައްސަލައެއް ހޫނުވެ އެމައްސަލަ ބެލުމަށްފަހުއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޚިޔާލުތަކާ ގުޅިގެން ޑރ. އިޔާޒްގެ ގާތް ރަހުމަތްތެރިޔާ ޝައިޚް އަލީ ޒައިދަށް ވެސް މިހާރު ވަނީ ފިޔަވަޅު އަޅާފައެެވެ. ޒައިދު ވިދާޅުވީ، އެމްއެންޔޫގައި އޮންނަނީ ފިޔަވަޅު އެޅުމުގެ ފަސް މަރުޙަލާއެއް ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ދެ ފިޔަވަޅު އޭނާއާމެދު އަޅާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން