އައްޑޫ ސިޓީގެ ފިހާރައެއް
އައްޑޫ ސިޓީގެ ފިހާރައެއް
ކޯވިޑާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ނިންމަވައިފިއެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނީ ރަށު ތެރެއިން ކޯވިޑް ކޭސްއެއް ނުފެންނަތާ ގިނަ ދުވަސްވުމުންކަމަށެވެ.

އައްޑޫގައި ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ހިތަދޫގައި އަޅާފައިވާ ކާފިއު ވަގުތު ފިޔަވަޅު، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ފިހާރަތައް ހުޅުވައިގެން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 9:00 އަށް ޚިދުމަތް ދެވޭއިރު، ރޭގަނޑު 9:00 އިން 10:00 އަށް ޑެލިވަރީ ޚިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ކެފޭ ރެސްޓޯރެންޓް ހޮޓާ އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ކުރެވޭނެއެވެ. އަދި ކާފިއު ނޫން ވަގުތު ތަކުގައި ޓޭކްއަވޭ ޚިދުމަތް ދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

ހިތަދޫ ފިޔަވާ ގުޅިފައިވާ އެހެން އަވަށްތަކުގައި 10 ޖެހުމާއި ހަމައަށް ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދެވޭނެއެވެ. މީގެ ކުރީން ގާޑިއާތައް ހުޅުވަން ހުއްދަ ދީފައި ނެތް ނަމަވެސް މިހާރު ގާޑިއާތަކަށްވެސް ޓޭކްއަވޭ އަދި ޑެލިވަރީ ޚިދުމަތް ދެވޭނެއެވެ.

އައްޑޫގައި ދިން ލުއިތަކުގެ ތެރޭގައި ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުއްދަ ދިނުން ހިމެނެއެވެ. އަދި ހިތަދޫގައި މިސްކިތުގައި ޖަމާޢަތް ނަހަދާ ނަމާދު ކުރުމަށް ވަނީ ހުއްދަ ދީފައެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ކުރިއަށް އޮތްތަނުގައި އިތުރު ލުއިތައް ދިނުމަށްވެސް މަޝްވަރާކުރަމުންދާކަމަށެވެ.

އައްޑޫގައި މިވަގުތު ކޯވިޑް ޖެހިފައި ތިބީ 64 މީހަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން