ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހުށައެޅި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ޖަވާބުދާރީވާން ފުރުސަތު ނުދީ މަޖިލީހަށް ހާޒިރުވާން އެންގުމަކީ ވަކިގޮތަކަށް މައްސަލަ އަބުރާލަން ހިންގާ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް "އެޑިޓާސް ގިލްޑް" އިން މިއަދު ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާ ކަމަށް ބުނެ ހައިކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ.

ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުން ނުވަތަ އެޑިޓަރުން ހިމެނޭ، "އެޑިޓާސް ގިލްޑް" އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކަކީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނެރޭ ނޫސް މަޖައްލާތަކެއް ކަމަށެވެ. ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރާ ލިޔުމަކާއި ގުޅިގެން އެކަމުގެ ނުތަނަވަސްކަމެއް އޮތްނަމަ އެކަމަށް ހައްލު ހޯދުމަށް އިންޑިޔާ ހައިކޮމިޝަނުން އެދެންޖެހޭނީ ފޮރިން މިނިސްޓްރީގައި ކަމަށް އެބަޔާނުގައިވެއެވެ. އަދި އެމައްސަލަ ބަލައިދިނުމަށް އެދި ޚާރިޖިއްޔާއިން ކަމާގުޅޭ މުއައްސަސާއެއްގައި އެދެވިދާނެ ކަމަށް ބަޔާނުގައިވެއެވެެ.

އެހެން ނަމަވެސް އެމައްސަލަ ރައްދުވާ ޑިޕްލޮމޭޓަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރަށް ސީދާ ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާއިން ތަންދޭކަމެއް ނޫން ކަން "އެޑިޓާސް ގިލްޓް" ގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ ވިއެނާ ކޮންވެންޝަނާއި ޚިލާފަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށާއި، ކޮމެޓީގެ މުގައްރިރުގެ ބަހުން ސީދާ އެ ޑިޕްލޮމޭޓް މުގައްރިރަށް ގުޅުއްވި ކަން އެގޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އެމައްސަލައިގައި މީޑިޔާ ޖަވާބުދާރީކުރުމަށް މީޑިޔާ ކައުންސިލަށް އެންގުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި އުސޫލެއްކަން ފާހަގަކުރަމެވެ. ޢަދި އެއީ މީޑިޔާ ކައުންސިލަށް އެމައްސަލަ ބެލުމަށް ފުރުސަތު ނުދީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން އެންގުމަކީ ސީދާ ގޮތެއްގައި ވަކި ގޮތަކަށް މައްސަލަ އަނބުރާލަން ނުފޫޒު ފޯރުވުން ކަމަށް ދެކެމެވެ." އެޑިޓާސް ގިލްޑްގެ ބަޔާނުގައިވެއެވެ.

އެޑިޓާސް ގިލްޑްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމައްސަލަ ފުލުސް އޮފީހަށް ހުށައަޅައި ބަލަމުންދާ ކަމަށް ބުނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެޖަމިއްޔާއިން ވަނީ މީޑިޔާ އެއްގައި ރިޕޯޓްކުރާ މައްސަލައަކާއި ގުޅިގެން ނުތަނަވަސް ކަމެއް އޮތްނަމަ މީޑިޔާ ކައުންސިލަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

"އަމިއްލަ ބާރާ ނުފޫޒު ބޭނުންކޮށްގެން، މައްސަލައަށް ވާސިލްވުމަށް މަސައްކަތް ކުރުމަކީ ތަހުޒީބީ ހަމައެއް ކަމަށް ނުފެންނަ ވާހަކަ ދަންނަވަމެވެ. ރާއްޖެ ބަލައިގެންފައިވާ ނިޒާމަކީ އެއީ ކަމުގައި ދަންނަވަމަވެ." ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެޑިޓާސް ގިލްޑްގެ ބަޔާނުގައި ވަނީ ރާއްޖޭގެ މީޑިޔާތަކުން މައްސަލަތަށް ރިޕޯޓްކުރާއިރު ނޫސްވެރިކަމުގެ ބެސްޓް ޕްރެޓިކްސްއާއި އެއްގޮތަށް އަމަލު ކުރުމަށާއި ސާބިތު ނުހިފޭ ދޮގު ވާހަކަ ނުފެތުރުމަށް ގޮވާލާފައެވެ.

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މައްސަލަ ބަލައިދޭން އެދި މަޖިލީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި އެ ސިޓީއާ ގުޅޭ ގޮތުން ކޮމިޝަނުން ކޮމިޓީއަށް ޖަވާބުދާރީވާނެ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ. ނަމަވެސް މަޖިލީހުން މިހާރުވަނީ މައްސަލަ ނުބަލަނީސް މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުވާން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން