ރާއްޖޭގެ މީޑިޔާތަކުން މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވީހިނދު ރާއްޖެއާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރި ކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް ނޫސްތަކުން މަައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެފަދަ ކަންކަމަކީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ބޭރު މިޝަންތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށައެޅި ޚާރިޖީ ގުޅުންތަކަށް ބުރޫއަރާނެ ފަދަ ނާޒުކު މައްސަލައެއް ކަމަށް ވީހިނދު، މައުލޫމާތު ފެތެރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

"އޭގެއިތުރުން ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތުން ނުހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގަމެވެ." ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ފުލުހުން މިރޭ ވަނީ އިންޑިޔާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން 42 އަަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ނޫހަކުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން މިނިސްޓްރީގައި އެދިފައިވާ ކަަމަށެވެ. އަދި އެ އެދުމުގެ މަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން