ޒަހީނުއްދީން ސަޢީދު   4 ޖުލައި 2021 - 3:59
ކޮވިޑް-19 އިން ރައްކާތެެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އޮފީސްތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތު ދިނުމަށް އެޗްޕީއޭއިން ނިއްމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އޮފީސްތައް ހުޅުވި ނަމަވެސް މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ. އަދި އެއްފަހަރާ އޮފީހަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދުކޮށް، ދަންފަޅިތަކަށް ބަހައިލައިގެން މަސައްކަތަށް ނުކުތުމާއި ބަލީގެ އަލާމާތްތައް ހުންނަ މުވައްޒަފުން އޮފީހަށް ނުނުކުތުމަށާއި އަލާމާތްތައް ފެނުމުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓުކޮށް ފަރުވާ ހޯދުމަށް އެންގުމުގައި ބުނެފައިވެއެެވެ.

އެޗްޕީއޭގެ އެންގުމުގައި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމާއި ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މަސައްކަތުގައި އުޅުމަށާއި މަސައްކަތުގައި އޮފީހުގައި އުޅޭއިރު މުވައްޒަފުން އެކުގައި ސައިބުއިމާއި ކެއުމުގެ ބަދަލުގައި އެ މީހެއްގެ ވާކްސްޓޭޝަނުގައި އެހެން މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ވެސް ވަނީ އަންގާފައެވެ. އަދި އެކިއެކި ބައްދަލުވުންތައް (ހާއްސަކޮށް ގިނަމީހުން ބައިވެރިވާ ބައްދަލުވުންތައް) އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖައްސަން ވެސް އެ އެންގުމުގައި ވެއެވެ.

އަދި އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމަށާއި އަދި އޮންލައިން ހިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތް ކުރުމަށާއި އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭ ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން މި ހުއްދަ ދީފައިމިވަނީ މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމައި އެކަމާއި ގުޅޭ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އާންމުކޮށްފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން