ކޮވިޝީލްޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން ނިއްމައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮމިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 4 ޖުލައި 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗް.ޕީ.އޭއިން ގުޅަމުންދާނެކަމަށް ބުނެ އެވެ.

އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓު ހަދައިގެން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ވެކްސިން ޖަހަން ދާ އިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި ވެކްސިން ކާޑު ގެނައުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ހަމައެކަނި ޖަހައިދެމުން ދަނީ ސިނޮފާމް ވެކްސިނެވެ. އަދި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ޖަހައެވެ.

މިވަގުތު ރާއްޖޭގައި ޖުމްލަ 317،244 މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 191،725 މީހުންނަކީ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި 125،500 ވަރަކަށް މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ލިބިފައެއް ނުވެއެވެ. އޭގެ ތެރޭގައި ގިނައީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބިމީހުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން