މާލެއާއި ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ ކަލެކްޝަން ސެންޓަރުތަކުގެ ކައުންޓަރުތައް އަނެއްކާވެސް ހުޅުވާލައިފިއެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ދަށުން، މީރާއިން ވަނީ މާލެއާއި ހުޅުމާލޭގައި ހުންނަ ކަލެކްޝަން ސެންޓަރުތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް މިއަދުން ފެށިގެން އަލުން ޚިދުމަތް ލިބޭނެކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މާލޭގައި ހުންނަ މިރާގެ ޓެކްސް ޕެޔަރ ސާވިސް ސެންޓަރާއި ހުޅުމާލޭ ކަލެކްޝަން ސެންޓަރުން ހުޅުވައިގެން ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، މީރާ ޓެކްސް ޕޭޔާ ސާވިސް ސެންޓަރ ކިއު ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން މެނދުރު 1:00 އަށްކަމަށެވެ.

މީރާއިން ބުނީ ކިއު ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށްކަމަށެވެ. އަދި އޮންލައިންކޮށް އެޕޮއިންޓްމެންޓް ނުހެއްދޭ ފަރާތްތަކަށް ގުޅައިގެން އެޕޮއިންޓްމެން ލިބޭނެކަމަށާއި، އަދި ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުން ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާރު އޮންލައިންކޮށް ޓެކްސް ބަޔާން އަދި ޓެކްސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމެޖެހިފައިވުމާއެކު، އޮންލައިންކޮށް ޚިދުމަތް ހޯދުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން