ކ-ވ ޕީޖީ ޝަމީމް އަދި ކުރީގެ ގާޒީ ހައިލަމް
ކ-ވ ޕީޖީ ޝަމީމް އަދި ކުރީގެ ގާޒީ ހައިލަމް
އަވަގުރާނަ ގޮވައިގެން ދައުވާ ކުރެވެނީ ވަކިބަޔެއްގެ މައްޗަށްތޯ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ޕްރޮސިކިއުޓަރ ޖެނެރަލާއި ސުވާލު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އިއްޔެ ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމަށް ނިސްބަތްކުރައްވައި ޓުވީޓާގައި އަވަގުރާނަ ގޮވައި ހުތުރު ބަހުން މުޚާތަބުކުރަށްވާފައެވެ. އެކަމަށް އިޝާރަތް ކުރައްވައި އަހުމަދު ހައިލަމް ވަނީ، އަވަގުރާނަ ގޮވުމުން ދައުވާ ކުރެވެނީ ވަކިބައެއްގެ މައްޗަށްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

"މިފަދަ މީހުން އިސްލާހިއްޔާއަށް ފޮނުވައިގެން ވިޔަސް އަލުން ތަރުބިއްޔަތު ކުރެވޭނެ ނިޒާމެއް ދައުލަތުން ގާއިމްކުރަންޖެހޭ." ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވަނީ ހަޑިހުތުރު އެއްޗެހި ކިއުމާއި، ހަޑިހުތުރު ބަސް ބޭނުންކުރުމާއި ހަޑިހުތުރު އަމަލު ކުރުމަކީ ކުށެއްކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ މާއްދާ ވެސް އޭނާ މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓްގައި ހިއްސާކުރަށްވާފައެވެ.

"ހަޑިހުތުރު އެއްޗެހި ކިޔައި އަވަގުރާނަ ގޮވައިގެން ދަޢުވާ ކުރެވެނީ ވަކި ބައެއްގެ މައްޗަށްތޯ؟ ޤާނޫނަކީ ވަކި ބައެއްގެ މައްޗަށް ހިނގާ އެއްޗެއްތޯ؟" ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނަވަނިކޮށް ސުލޫކީ މައްސަލައެއްގައި ކަމަށް ބުނެ މަގާމުން ވަކިކުރަން ނިއްމުމުން އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވި ހައިލަމް ވިދާޅުވިއެެވެ.

ހައިލަމްގެ ޓުވީޓްގައި ޕީޖީއާއި ބާ ކައުންސިލްވެސް ވަނީ ޓެގްކުރައްވާފައެވެ.

ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމަށް ނިސްބަތްކުރައްވައި ޓުވީޓާގައި އަވަގުރާނަ ގޮވައި ހުތުރު ބަހުން މުޚާތަބުކުރުމާއި ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެއީ އަޚުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ. ނާޒިމް ސައްތާރަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރަށްވާ ވެސް ބޭފުޅެކެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެން މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި މަޝްހޫރު ބޭފުޅެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އެފަދަ ދައުވާއެއް މިފަހުގެ ތާރީޚެއްގައި ޕީޖީން އުފުލާފައިވަނީ ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށެވެ. އަަބްދުއްރަހީމުގެ މައްޗަށް ދައުވާ ކުރީ ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވި މައްސަލައިގައެވެ.

ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވެއްޖެ ނަމަ އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު


11

މޫސަ

09-Jul-2021

ހެޔޮނިޔަތުގަ އަވަގުރާނަގޮވިއަސް ދައުވާއެއްނުކުރެވޭނެ



ޓްރެންޑިން