އިންފޯރމޭޝަން ކޮމިޝަނަރގެ މަޤާމަށް އެކަށީގެންވާ އަދަދަކަށް ބޭފުޅުން ކުރިމަތިނުލެއްވުމުން، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާވެސް ހުޅުވާލައިފިއެވެ.

އިންފޯރމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީިހުން މިދިޔަ ޖޫންމަހުގެ 2 ވަނަ ދުވަހު ހުޅުވާލީ، އެމަޤާމުގައި ކުރިން ހުންނެވި ހުސައިން ފިޔާޒު އެމަޤާމުން އިސްތިއުފާދެއްވުމުންނެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، 2 ޖޫން 2021 ގައި ހުޅުވައިލާފައި ވީނަމަވެސް، އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އަލުން ހުޅުވާލާފައިވާކަމަށެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ އޮފީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން